logologologologo
STO
ޚަބަރު

އޮރިޔާން 1،378 ވީޑިއޯ، 566 ފޮޓޯ ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

އޮރިޔާން 1،378 ވީޑިއޯ، 566 ފޮޓޯ ގެންގުޅުނު މީހަކު  ޖޫރިމަނާކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 01

މޮބައިލް ފޯނުގައި ގިނަ އަދަދެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ރައްކާކޮށްގެން ގެންގުޅުނު މީހަކު 18،000ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި ދައުލަތުން ދައުވާ ކުރީ ޏ. ފުވައްމުލައް، ދޫޑިގަން، ގްރީންލެންޑް، އަލީ އަހުމަދުގެ މައްޗަށެވެ.

މިއީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ފޯނު ހިފަހައްޓައި ފޮރެންސިކް ތަހުލީލު ކުރުމުން ފެންމަތިވި މައްސަލައެކެވެ.

އެގޮތުން، އޭނާގެ ފޯނުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ ހަތް ޖީބީއަށް ވުރެ ގިނަ ޑޭޓާ ފެނިފައިވެއެވެ. އޭގެ ތެރޭގައި 1،378 ވީޑިއޯއާއި 566 ފޮޓޯ ހިމެނެއެވެ.

ޝަރީއަތުގެ މަޖިލީހުގައި އަލީ އަހުމަދު ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާއަށް ނޭނގި އަމިއްލައަށް ޑައުންލޯޑުވެފައިވާ ތަކެތި ކަމަށެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ އެ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށް ނިންމަވައިފައެވެ. ސަބަބަކީ އެ ތަކެތި ފޯލްޑަރުތަކަކަށް ވަކިކޮށް ރައްކާކޮށްފައި ހުރުމާއި، އެހެން ފަރާތްތަކަށްވެސް ފޮނުވާފައި ހުރުމުން، އެއީ އޭނާ ގަސްދުގައި ކޮށްފައިވާ ކަމެއްކަން ސާބިތުވާތީއެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ރޭވުންތެރިކަމާއެކު ގިނަ އަދަދެއްގެ ތަކެތި ގެންގުޅެފައިވާތީ ކޯޓުން އަދަބުގެ ދަރަޖަ ވަނީ 3 މަހަށް މަތިކޮށްފައެވެ. ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުންނާއި މިއީ އަނިޔާވެރި އަމަލެއް އެކުލެވިގެންނުވާ ކުށަކަށް ވާތީ، ޖަލު އަދަބު ވަނީ 18،000ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އަންގައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް