
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި!
ޒައުޖަތު އަޙުމަދުކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި ވީ ހިނދު، ހުޅުމާލޭގައި ތަރައްޤީކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްއަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ޙައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެއް ކަމަށެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެއެވެ.
މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ޚާއްޞަ 5 ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ޚާއްޞަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ޚާއްޞަ 17 ކޮޓަރީގެ އިތުރުން، ދިފާޢީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދެވި މި މަޝްރުޢޫގެ ދަށުން ތަރައްޤީކުރި އައު އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެއެވެ.
ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ދިވެހި ޤައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މިރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23