އެހެން މީހެއްގެ ފާސް އަޅައިގެން އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އެހެން މީހެއްގެ ފާސް އަޅައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ މީހެކެވެ.
އޭނާ އެއާޕޯޓަށް ވަންނަން މަސައްކަތް ކޮށްފައި ވަނީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން، އެއާޕޯޓުގެ އިރުމަތީ ފަޅީގެ ގޭޓު ނަމްބަރު 51 އިން ހުއްދަނެތި ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ.
ހެކީގެ ތެރޭގައި އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ރިޕޯޓާއި، ހާދިސާ ރިޕޯޓާއި، މައްސަލާގައި ހެކިބަސް ދޭ އޭވިއޭޝަން ސެކިއުރިޓީ އޮފިސަރު ތަޙުޤީޤަށް ދީފައިވާ ބަޔާންތައް ހިމެނެއެވެ.
މި މީހާ ބޭނުންކުރި ފާސް ކަމަށް ބުނެ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިއްސާކޮށްފައިވާ ފާހުގެ ފޮޓޯއާއި ފާސް ދޫކުރެވިފައިވާ ފަރާތުގެ ޕާސްޕޯޓު ކޮޕީ އަދި ފާސް ދޫކޮށްފައިވާ ފަރާތަކީ ވޯކް ވިސާ ކެންސަލްކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ވެސް ހެކީގެ ތެރޭގައި ހިމެނެއެވެ.
މި ފާހަކީ އޭނާގޭ ބޮސް އޭނާގެ އަތަށް ދިން ފާހެއް ކަމަށް، އޭނާ ކޯޓުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާތާ އެއްގޮތަށް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އިތުރަށް



.gif.gif&w=828&q=100)