logologologologo
STO
ޚަބަރު

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަކަށް ޖަމާކުރާގޮތަށް ޤަވާޢިދު އިސްލާހު ކޮށްފި

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަކަށް ޖަމާކުރާގޮތަށް ޤަވާޢިދު އިސްލާހު ކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 25

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ދޭންޖެހޭ މުސާރަ މަރުކަޒީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި، އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދު އިސްލާޙު ކޮށްފިއެވެ.

ސަރުކާރުން މިބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދަށް ގެނައި 3 ވަނަ އިސްލާޙުގައި، ޤަވާއިދުގެ 58 ވަނަ މާއްދާގެ "ނ"ގެ ފަހަތަށް "ރ" ހިމަނައި ބައެއް އިތުރުކޮށްގެންނެވެ.

މި އިސްލާޙުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށްކަމަށެވެ.

ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ކަނޑައަޅައި އެ ޤާނޫނަށް މީގެ ކުރިން ވެސް އިސްލާޙު ހުށަހެޅިއެވެ. މީގެކުރިން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެމީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވެއެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ ނެގުން ވަކި ހިސާބަކުން މަޑުޖައްސާލިއެވެ. އޭގެ އެއް ސަބަބަކީ ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވުމެވެ. ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ޤާނޫނުން އޭރު ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ރެމިޓެންސް ޓެކްސް އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެވެ.

ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް އަބަދުވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ވައްދައި އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.


MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް