ހުރިހާ ހިދުމަތެއް ލިބެން ޖެހޭނީ ރުފިޔާއިން، މިއީ ހުރިހާ ގަވަރުނަރުންގެ ގަބޫލުކުރުން: ގަވަރުނަރު

ހުރިހާ ހިދުމަތެއް ލިބެން ޖެހޭނީ ރުފިޔާއިން ކަމަށާއި އެއީ ހުރިހާ ގަވަރުނަރުންގެ ގަބޫލުކުރާ ގޮތް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިފަދައިން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ގަވަރުނަރު ވަނީ ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް 2030 ވަނަ އަހަރު އަންނަންވާއިރަށް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އަމާޒެެެއް ކަމަށާއި އެކަމަސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ ގަވަރު މުނައްވަރުގެ ހަމައެކަނި ވިޝަނެއް ނޫން. މިއީ ގަވަރު އަލީގެވެސް ގަވަރުނަރު ނަސީރުގެ ވެސް ގަވަރުނަރު އަޒީމާގެ ވެސް ދިވެހި ރުފިޔާއިން ހުރިހާ ޓްރާންޝެކްޝަންތަކެއް ހެދިގެންދާނެ. ދިވެހި ރާއްޖޭގައި ދިވެހި ރުފިޔާ ބޭނުން ނުކުރާ ކަމަށް ވަންޏާ އެމްއެމްއޭ އުވާލަންވީ އިނގޭތޯ. އަޅުގަނޑަކަށް މާ ބޮޑުކަމެއް ނޫން އެމްއެމްއޭއޭ ކިޔާފައި މިތާނގައި ކޮންމެހެން ސެންޓްރަލް ބޭންކެއް ހަދާކަށް ނުޖެހޭނެ. ބައެއް ގައުމުތަކުގައި އެބަތިބި ރުފިޔާ ބޭނުން ކުރަން ބޭނުންނެތިއްޔާމު ކަރަންސީ ބޯޑެއް ހަނދާފައި ދެތިން ބޭފުޅުން ލާފައި،" މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، އެމްއެމްއޭގެ މައިގަނޑު އަސާސަކީ ވެސް ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރުކުރުން ކަމަށާއި މަނިޓަރީ ޕޮލިސީ އުފެދިގެންދާނީވެސް ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރެވިގެން ކަމަށެވެ.
މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތައް އަލުން ރިވިއުކޮށް އެ އަދަދު 40 ޕަސަންޓަށް އިތުރުކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ވަގުތަށް 40 ޕަސަންޓަށް އިތުރުކުރަން މިޖެހުނީ. އޭގެންވެސް ނުވަންޏާމު ހަމަ 100 ޕަސަންޓަށްވެސް ދާންވީ. އަޅުގަނޑުމެން އިގްތިސޯދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި 100 ޕަސަންޓާ ހަމައަށް ދިއުން މީ ސަރުކާރުން އެއްބަސްވަންޏާ އަޅުގަނޑު މިހުރީ މިހާރުވެސް 100 ޕަސަންޓަށް ދާން. މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ކުއްލިއަކަށް ބޮޑު އަދަދެއް މާރުކުރަން ޖެހޭ ގޮތް ނުހަދައި 40 ޕަސަންޓު މާރުކުރަން ޖެހޭ ގޮތް ހަދަނީ ޓޫރިޒަމް އިންޑަސްޓްރީ އަދި ބޭރުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އެ ކަމަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)