logologologologo
STO
ޚަބަރު

ޑޮލަރެއް ނެތޭ ކިޔާއިރު ބީއެމްއެލްއިން އެވްރެޖްކޮށް ދުވާލަކު 2.7 މިލިއަން ޑޮލަރު ވިއްކާ

ޑޮލަރެއް ނެތޭ ކިޔާއިރު ބީއެމްއެލްއިން އެވްރެޖްކޮށް ދުވާލަކު 2.7 މިލިއަން ޑޮލަރު ވިއްކާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 11

ބީއެމްއެލްއިން އެވްރެޖްކޮށް ދުވާލަކު 2.7 މިލިއަން ޑޮލަރު ވިއްކާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ، މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިފަދައިން ވިދާޅުވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާއި ބީއެމްއެލްއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއްކަމަށެވެ. އިޤްތިޞާދީ ދުވެއްޔަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ބޭންކަށް ފޯރާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ރާއްޖެއަކީ ބޭރުގެ ފައިސާއަށް ޚާއްޞަކޮށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ޤައުމަކަށް ވުމާއެކު އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދޭކަމަށް ސަޢީދު ވިދާޅުވިއެވެ. އެގޮތުން ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދޫކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައިވާ އިރު ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިޔަން ޑޮލަރު ނަގަމުންދާކަމަށާއި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 188 މިލިޔަން ޑޮލަރު އޭޓީއެމްތަކުން ނަގާފައިވާކަން ސަޢީދު ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު އޭރު މާލެ ސަރަހައްދުގައި ހުރި އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް ނަގަމުންދިޔައީ 6 ލައްކަ ޑޮލަރުކަން ސަޢީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާވެ ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހުމާއެކު މިހާރު މި އަދަދުތައް ވަނީ އެތައް ގުނައެއް އިތުރުވެފައިވާކަން ސަޢީދު ފާހަގަ ކުރެއްވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް