logologologologo
STO
ޚަބަރު

މިއަދު އަޅުގަނޑުމެން ރައީސް ޑރ. މުޢިއްޒުއަށް ސެލިއުޓް ކުރަން ޖެހޭ: ޢަބްދުއްރަޙީމް

މިއަދު އަޅުގަނޑުމެން ރައީސް ޑރ. މުޢިއްޒުއަށް ސެލިއުޓް ކުރަން ޖެހޭ: ޢަބްދުއްރަޙީމް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 05

މިއަދު އަޅުގަނޑުމެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ސެލިއުޓް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުއަށް ސެލިއުޓް ކުރަންޖެހޭ ކަމަށާއި ސަބަބަކީ ޤައުމު އޮތީ ވެރިކަން ނުކުރެވޭނެ ޙާލަތަށް ދުއްވާލާފައި ކަމަށާއި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 3 މަސް ނުވަނީސް ބަނގުރޫޓް ވާނެ ކަމަށް ބަޔަކު ގަބޫލުކޮށްތިބި ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އެހެން ނަމަވެސް 3 އަހަރު ވެގެންދިޔައިރު ބަނގުރޫޓް ނުވެ މުސާރަ ބަރާބަރަށް ދެވޭ ކަމަށާއި ކާދުގެ ބާވަތްތައް ބަރާބަރަށް ލިބޭ ކަމަށާއި ތެޔޮ ބަރާބަރަށް ލިބޭ ކަމަށާއި އަސާސީ ހުރިހާ ޚިދުމަތްތަކެއް ލިބޭ ކަމަށާއި ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ކަމަށެވެ.

"ދަރަނި އެބަ ދައްކާ, ލޯނެއް ނުނަގާ, ފައިސާ ޗާޕެއް ނުކުރޭ. އެހެންވީމާ ސެލިއުޓް ކުރަން ޖެހޭ ރައީސް މުޢިއްޒަށް.." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މި ސަބަބުތަކަށްޓަކައި 2028 ރައީސް ޑރ. މުޢިއްޒުއަށް ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި އުކުޅަހަކީ އެމީހުންގެ ކިއްލާ ކަމަށާއި ނަމަވެސް ކިއްލާއިން ގަބޫލު ކުރީ އެމްޑީޕީ ފެއިލްވެފައިވާ ކަމަށް ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތު މާ ރަނގަޅުކަމަށް ކަމަށް ކަމަށެވެ. އަދި އެހެންވީމާ އުކުޅަހު ރައްޔިތުން ލޯކަލް ކައުންސިލް އިންތިޚާބު ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކޮށްދިނީ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވަނީ އުކުޅަހުން ސިޔާސީ ހިސާބު ޖެއްސެވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

އުކުޅަހަކީ ރާއްޖެއަށް ސިޔާސީ ޕާޓީގެ ނިޒާމް ތައާރަފްވީއްސުރެން، އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ކައުންސިލަރުން އިންތިހާބުކުރަން ފެށީއްސުރެ އުކުޅަހު ކައުންސިލްގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް މި އަހަރު އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އުކުޅަހު ކައުންސިލްގެ 3 ގޮނޑި ވެސް ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީންނެވެ. މީގެއިތުރުން ޑަބުލިއުޑީސީގެ 3 ގޮނޑިން 2 ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީންކަން ފާހަގަ ކުރެވެއެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް