އުކުޅަހަށް އިތުރަށް ބޭނުންވާ 2 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައި: ރައީސް

އުކުޅަހަށް އިތުރަށް ބޭނުންވާ 2 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާނު ކުރެއްވީ އުކުޅަހުގައި ކޮންގްރެސް ޕާޓީން (ޕީއެންސީން) މިރޭ ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އުކުޅަހު ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ދެއްކެވުނުކަމަށާއި އެގޮތުން ބޯހިޔާވަހިކަމުގެ ވާހަކަ ދެކެވުނު ކަމަށެވެ.
ރައީސް ވިދާޅުވީ އުކުޅަހުގައި ހިއްކާފައި އޮތް ބިމަށް، ބިން އިތުރުކުރަން ބޭނުން ވާތީ ގާތްގަނޑަކަށް 2 ހެކްޓަރުގެ ބިން އިތުރުކޮށްދޭނެ ވާހަކަ އެ ބައްދަލުވުމުގައި ދަންނަވާފައި ވާނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމާއި އެއާ އެކީގައި ދެން އަންނަ ތަރައްޤީގެ ވަރަށް ގިނަ ކަންތައްތައް އެވަރުގެ ކުޑަ ބިންކޮޅެއް އިތުރު ކުރުމުން ވެސް ފުދޭ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ދެ ސަރުކާރާ އަޅާބަލާއިރު، އެމަނިކުފާނުގެ ސަރުކާރުގެ ފާއިތުވި ދެ އަހަރާއި ބައިގައި ވަރަށް ބޮޑުތަނުން އިތުރަށް ރާއްޖޭގެ ކަންކޮޅުތަކުގައި ބިން ހިއްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ އިޤްތިޞާދީ ބޮޑު އަނދަވަޅަކުން ޤައުމު ނަގައި ކޮޅަށް ޖަހަމުން އެއާއެކީގައި އެކަން ކުރަމުން ތަރައްޤީގެ މިހެން ހުންނަ ކަންކަން ވެސް ހަމަ ވަރަށް ބާރަށް ގެންދެވޭތޯ މަސައްކަތް ކުރަމުން." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިއަދު ވަޑައިގެންނެވީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި އެރަށަށް ވަޑައިގެންނެވި ނަމަވެސް ރަސްމީ ބައި ނިމުމުން ޕާޓީގެ ޙަރަކާތެއް އެރަށުގައި ބާއްވަނީ ޕާޓީގެ ޚަރަދުގައި ކަމަށެވެ. އުކުޅަހުގައި ޖަގަހަ ޖަލްސާއެއް ބާއްވަން ނިންމީ ކައުންސިލް އިންތިޚާބުގައި، އެމަނިކުފާނުގެ ޕާޓީ، ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮންގްރެސް ޕާޓީން އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ޖަގަހަ ޖަލްސާކަން ފާހަގަ ކުރެވެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރަށް




.gif.gif&w=828&q=100)