ޒުވާނުންނަށް ރައީސް އިލްތިމާސް ކުރެއްވީ ކުރިން ކަން ހިނގާފައި ހުރި ގޮތް ބެލުމަށް

ކުރިން ކަން ހިނގާފައި ހުރި ގޮތް ބަލައި އަމިއްލަ ސިކުނޑިން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެ އިލްތިމާސް ކުރެއްވީ އއ. އުކުޅަހުގައި ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޙަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ޒުވާނުންނާ މުޚާޠަބު ކުރައްވައިފައެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ނުޖެހި، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކުރިން ކަންކަން ހިނގާފައިވާ ގޮތް ބަލައި އަމިއްލަ ސިކުނޑިން ވިސްނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ހަމައެހެންމެ އިސްރަށްވެހިންނާއި އުމުރުން ދުވަސްވީ ބޭފުޅުން ޒުވާނުންނަށް މަގުދައްކައިދީ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މިއީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުން އަމިއްލަ އެދުން އިސްކޮށް، ޤައުމުގެ މަސްލަޙަތު ދޫކޮށްލުމަށްފަހު ފަތުރަމުންދާ ވާހަކަތަކަށް ދިވެހި ރައްޔިތުން ސަމާލުވެ، އަމިއްލަ ބުއްދިން ކަންކަމާއި މެދު ވިސްނަން ޖެހޭކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޑިމޮކްރަސީ ހަރުދަނާ ޤައުމުތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޤައުމަށް ފައިދާހުރި ކަންކަމުގައި އެއްބަސްވާ ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު ފެންނަނީ އެއާ ޚިލާފު މަންޒަރެއްކަމަށެވެ.
ރައީސް ވަނީ އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަން އިސްކުރުމަށް ގޮވާލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޒިންމާދާރު ނަމަ ސަރުކާރުގެ ކަންކަމަށް ފާޑުކިޔާނީ އެއަށްވުރެ ރަނގަޅު ގޮތްތައް ހުށަހަޅަމުން ކަމަށެވެ.
ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ، ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށްބުނެ މިމަހުގެ 13 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ތަކެތީގެ އަގު އުފުލުނީ މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ކަމަށާއި އެއީ ސަރުކާރުން ކުރާ ކަމަކުން އަންނަ ބަދަލެއް ނޫން ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންކަން ފާހަގަކުރެވެއެވެ.
އިތުރަށް




.gif.gif&w=828&q=100)