މިޞްރުގެ އަޤަބާ ކަނޑުއޮޅިއަށް ބިންހެލުމެއް އަތުވެއްޖެ

މިޞްރުގެ އަޤަބާ ކަނޑުއޮޅިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މިޞްރުގެ ނޭޝަނަލް ސައިސްމިކް ނެޓްވޯކް (އީއެންއެސްއެން) އިން ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގަލްފް އޮފް އަޤަބާ ސަރަހައްދަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައެވެ.
މި ބިންހެލުން އައިސްފައިވަނީ މިޞްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރްމު އަލް ޝޭޚުގެ އިރުއުތުރުން ގާތްގަނޑަކަށް 61 ކިލޯމީޓަރު ބޭރަށެވެ.
މި ބިންހެލުމާ ގުޅިގެން މިޞްރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން އިން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަމަލުކުރާ އިމަޖެންސީ ރެސްޕޯންސް ޕްލޭން އެކްޓިވޭޓްކޮށްފައެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ކަމާބެހޭ ފަރާތްތަކުން ވަޒަންކުރަމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ޤައުމުގެ ހޮސްޕިޓަލްތަކުގެ އެލާޓް ލެވެލް ވަނީ އެންމެ މަތީ ދަރަޖައަށް މަތިކޮށްފައެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު އަދި ލިބިފައި ނުވި ނަމަވެސް މި ބިންހެލުމުގެ އިހުސާސް މިޞްރުގެ ވެރިރަށްކެއިރޯގެ އިތުރުން ގިނަ ސިޓީތަކަށް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

.gif.gif&w=828&q=100)


