logologologologo
STO
ދުނިޔެ

ފިލިޕީންސްގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި 35 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ފިލިޕީންސްގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި 35 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 09

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ ޖަޒީރާގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުުމުގައި މަދުވެގެން 35 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގުކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ހޯމަ ދުވަހުގެ ހެނދުނު 07:37 ގައެވެ. މި ބިންހެލުމާ ގުޅިގެން ފިލިޕީންސް، އިންޑޮނޭޝިއާ، ޖަޕާން އަދި އޮސްޓްރޭލިއާއަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، އެ އިންޒާރުތައް ފަހުން ވަނީ ކެންސަލްކޮށް ނުވަތަ ދަށްކޮށްފައެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާހަމަވެފައެވެ. އޭގެ ތެރޭގައި އެ ގައުމުގެ މަޝްހޫރު ފާސްޓްފުޑް ރެސްޓޯރެންޓެއް ކަމަށްވާ "ޖޮލިބީ" ގެ އައުޓްލެޓެއް މުޅިން ސުންނާފަތިވެފައިވާ މަންޒަރު ފެނެއެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ވަނީ ކުރިމަތިވެފައެވެ.

ފިލިޕީންސްގެ އޮފީސް އޮފް ސިވިލް ޑިފެންސްއިން ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ދިން އަދާހަމަ ރިޕޯޓްތައް ބުނާގޮތުން:

  • މަރުވި މީހުންގެ ތެރެއިން 31 މީހުންނަކީ ސޮކްސްކްސާރޖެން ސަރަހައްދުން މަރުވި މީހުންނެވެ. އަދި ބާކީ 4 މީހުން މަރުވީ ދަވާއޯ އިންނެވެ.
  • މިހާތަނަށް 134 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، 12 މީހަކު ވަނީ ގެއްލިފައެވެ.
  • ބިންހެލުމުގެ ސަބަބުން 10،000 އެއްހާ އާއިލާ ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާންޖެހިފައެވެ.

މިންޑަނާއޯ އަކީ ފިލިޕީންސްގެ ދެވަނައަށް އެންމެ ބޮޑު އަދި ގާތްގަނޑަކަށް 26 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޖަޒީރާއެކެވެ. ބިންހެލުން އައި ދުވަހަކީ އެ ގައުމުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަސް ކަމުން، ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ގެއްލުންވި ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން ވަގުތުން މެދުކަނޑާލަން އަމުރުކުރައްވާފައެވެ. ސްކޫލެއްގެ ކުދިންތަކެއް ބިރުން ރޮއެ ހަޅޭއްލަވަމުން ބިމުގައި އިށީނދެގެން ތިއްބާ، ފަހަތުން އިމާރާތެއްގެ ފުރާޅު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

މި ބިންހެލުމަށްފަހު ރިކްޓަރ މިންގަނޑުން 1.3 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 130 އަށްވުރެ ގިނަ ލޮޅުން ވަނީ ރެކޯޑްކުރެވިފައެވެ.

ބިންހެލުމާ ގުޅިގެން ޖަޕާނުގެ އޮކިނާވާގެ އައްސޭރިފަށަށް ކުދި ރާޅުތަކެއް ބިންދާލާފައިވާއިރު، އޮގަސަވާރާ ޖަޒީރާތަކަށް 20 ސެންޓިމީޓަރުގެ ރާޅެއް އަރާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފިލިޕީންސާއި އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް 1.4 މީޓަރު (4.6 ފޫޓު) ގެ އުސްމިނުގެ ރާޅުތައް އަރާފައިވާކަން ލޮގުކުރެވިފައިވެއެވެ.

ފިލިޕީންސްއަކީ ދުނިޔޭގެ ބިންގަނޑު އެންމެ ބޮޑަށް ހަރަކާތްތެރިވާ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމަކަށް ވުމުން ބިންހެލުންތަކަކީ އެ ގައުމަށް އާންމު ކަމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް އެ ގައުމުގެ މެދުތެރޭ ވިސާޔާސް ސަރަހައްދަށް އައި 6.9 ގެ ބިންހެލުމެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް