ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްގާޑުން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވާއިރު، މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު ރާއްޖެއަށް ވަރަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށް، ރީނދޫ ސަމާލު ނެރެފައިވަނިކޮށް، ތިލަފުށިން ފުރައިގެން ގާފަރު ކައިރިން ދަތުރު ކުރަމުން ދިޔަ ކޮޅުވެއްޓިއެއް މިއަދު ހެނދުނު ބަނޑުންޖަހާލައި އެ އުޅަނދުން ދަތުރުކުރި 2 ބިދޭސީން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)