ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިން

ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިފައިވާކަމަށެވެ.
ފެނަކައިން ބުނީ އެ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ޙާލަތުގައި އުޞޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުޞަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގަކަމަށެވެ.
ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުންފުނި ރައިޓްސައިޒް ކުރުމުގެ ގޮތުން ރިޑަންޑަންސީ އުޞޫލެއް އެކުލަވާލާފައިވާކަމަށާއި މި އުޞޫލުގެ ދަށުން އިނާޔަތާއެކު އަމިއްލައަށް އެދިގެން ވަކިވުމުގެ ފުރުޞަތު މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ހުޅުވާލިކަމަށާއި އެކަމުގެ ތަފްސީލްތައް އިންޓާނަލް މެމޯއަކުން އެންގިކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި އުޞޫލުގެ ދަށުން 4 މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހަޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ 4 މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުންތަކާ އެއްގޮތަށް އެ މުވައްޒަފުންގެ 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވަކަމަށެވެ.
ފެނަކައިން ބުނީ، އެކުންފުނިން މުވައްޒަފުންނަށް އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާއްމު ފަރާތްތަކުން މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުން ގެންދަނީ ޙަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ.
ފެނަކައިން ވަނީ އެ ކުންފުނިން އެކަށައަޅާ އުޞޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއްވާގޮތަށް އެ ކުންފުނިން އަމަލު ނުކުރާނެކަަމުގެ ޔަޤީކަން ދީފައެވެ.
އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ވަޒީފާއިން ވަކިވުމަށް 108 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް ފެނަކައިން ކުރިން ވަނީ ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)