ތިން އަތޮޅެއްގައި ފެނަކައިން ދެމުން އައި ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފި

ތިން އަތޮޅެއްގައި ފެނަކައިން ދެމުން އައި ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
މި ނިންމުމަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ރިފޯމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން ނިންމެވި ނިންމުމެކެވެ.
މި ނިންމުމުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން މިހާރު ޚިދުމަތް ދެމުންގެންދާ ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ދަށަށް ބަދަލުވެގެންދާނެއެވެ.
މިއީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.
މި ބަދަލާއެކު ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް އަލަށް އިތުރުވާ ރަށްތަކުގެ ތެރޭގައި ބ. އަތޮޅުގެ 13 ރަށަކާއި، ޅ. އަތޮޅުގެ 4 ރަށެއްގެ އިތުރުން މ. އަތޮޅުގެ 8 ރަށެއް ހިމެނެއެވެ. މީގެ ތެރޭގައި އޭދަފުށި، ތުޅާދޫ، ހިންނަވަރު، ނައިފަރު، މުލި އަދި ދިއްގަރު ފަދަ ބޮޑެތި އާބާދީތައް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ގެނައި ބަދަލެކެވެ. މި ބަދަލާއެކު އެ ތިން އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މި ބަދަލާއި ގުޅިގެން، ފެނަކަ ހިންގުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ތައުފީޤް ވިދާޅުވީ، މި އިޞްލާޙީ ބަދަލުގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމާއި، ހިންގުމުގެ ޚަރަދު ކުޑަކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ތައުފީޤް ވިދާޅުވީ މި ބަދަލު ގެނައުމުގައި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އެއްވެސް މައްސަލައެއް ނުޖެހި، އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފައިނޭންސް އާއި ޕީސީބީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯއިން މި ޚިދުމަތްތަކާ ހަވާލުވުމުން އެ ރަށްރަށުގެ ޔުޓިލިޓީ ނިޒާމުތައް އިތުރަށް ތަރައްޤީވެ، ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުހަރު ވިދާޅުވިއެވެ.
ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން މިހާރުވެސް ދެމުން އަންނަ އަތޮޅުތަކުގެ ތެރޭގައި ކ. ވ. އއ. އަދި އދ. އަތޮޅު ހިމެނެއެވެ.
އިތުރަށް





.gif.gif&w=828&q=100)
