ފަސްމިލިއަން ގަސް ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ބަންގްލަދޭޝްއިން ވިހި ހާސް ގަސް ހަދިޔާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ބަންގްލަދޭޝްއިން ވިހި ހާސް ގަސް ހަދިޔާކުރަން ނިންމައިފިއެވެ.
ބަންގްލަދޭޝްއިން 20،000 ގަސް ރާއްޖެއަށް ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ޙަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ބަންގުލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާނެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ލޮނުޒިޔާރަތް ޕާކުގައި އިއްޔެ ބޭއްވި ޚާއްޞަ ގަސް އިންދުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން 10 ގަސް ހަދިޔާކުރެއްވިއެވެ.
ޚަލީލުއްރަޙްމާން ވިދާޅުވީ 20،000 ގަސް ހަދިޔާކުރެއްވުމަކީ ތިމާވެށި ޙިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ދެ ޤައުމު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ބައެއްގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާ ކުރައްވާ ގަސްތަކެއް ކަމަށެވެ.
ބަންގްލަދޭޝް ސަރުކާރުގެ މި ދީލަތި އެހީއަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ތިމާވެށީގެ ވަޒީރު ޢަލީ ޝަރީފް ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށާއި އެ ޤައުމުގެ ސަރުކާރަށް ޝުކުރު ދަންނަވައިފައެވެ.
ދެ ވަޒީރުން ފާހަގަކުރެއްވި ގޮތުގައި ގަސް ހަދިޔާކުރެއްވުމަކީ ދެ ޤައުމުގެ ޒަމާންވީ ގުޅުމާއި މޫސުމީ ރައްކާތެރިކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް ދައްކުވައިދޭ ކަމެކެވެ.
މި ހަދިޔާއަކީ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.
އިތުރަށް





.gif.gif&w=828&q=100)