logologologologo
STO
ޚަބަރު

އެންމެންގެ ލޯ ބޮޑުތަކުރުފާނު މަގަށް، މިއަދު ހަވީރު ހުޅުވާލަނީ

އެންމެންގެ ލޯ ބޮޑުތަކުރުފާނު މަގަށް، މިއަދު ހަވީރު ހުޅުވާލަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 24

އެންމެންގެ ލޯ އަމާޒުވެފައިވާ ބޮޑުތަކުރުފާނު މަގު، މިއަދު ހަވީރު ހުޅުވާލާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު، ފުޅާކޮށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢު ނިމުމަކަށް އައިސްފައިވާއިރު، އެ ސަރަހައްދުގައި ބުރާސްފަތި ދުވަހު އެޗްޑީސީން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހުކުރު ދުވަހު ހަވީރު 4.00 ން ފެށިގެން އެ ސަރަހައްދު އާންމުންނަށް ހުޅުވާލައްވާނެ ކަމަށެވެ.

ވަޒީރު ވަނީ މި މަސައްކަތް ކުރުމުގައި މަގު ބަންދުކުރަން ޖެހުމުން އެކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވި ދަތިތަކަށް މާފަށް އެދިވަޑައިގެންފައެވެ.

 

View post on Twitter

 

މާލޭގެ އުތުރުފަރާތުގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކޮށްފައިވާއިރު، ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެމަގު ހުޅުވާލާނެ ދުވަހަކަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ހެދި ބައިގައި ހިމެނޭ ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށްމިހާރު ވަނީ ދިވެހި ރުއް އިންދައިފައެވެ.

މި ސަރަހައްދުގައި ދިވެހި ރުއް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށެވެ. ރުކުގެ އިތުރުން ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތަކެއް ވެސް ވަނީ އެ ސަރަހައްދުގައި އިންދައިފައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެންހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލައިފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް