logologologologo
STO
ޚަބަރު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަން ފައިސާ ހަމަޖެއްސީ މިސަރުކާރުން: ރައީސް

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަން ފައިސާ ހަމަޖެއްސީ މިސަރުކާރުން: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 29

މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަން ފައިސާ ހަމަޖެއްސީ މިސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކޮށް ހުޅުވި ފަހުން، އެ މަސައްކަތުގެ މިލްކުވެރިކަމާމެދު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސުވާލުއުފައްދަމުންދާ މި ދަނޑިވަޅުގައި ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަން ފައިސާ ހަމަޖެއްސީ މިސަރުކާރުން ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން އެކި ފޭސްތަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުން އައި އިރު، އެއްވެސް ފަރާތަކުން އެ މަސައްކަތުގެ ކްރެޑިޓް ނަގަން މަސައްކަތް ކޮށްފައި ނުވެއެވެ. ނަމަވެސް ނޯތު ހާބަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާއި ހަމައަށް މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާލުމުން، އާންމު ރައްޔިތުންގެ ތަޢުރީފް ސަރުކާރަށް ލިބެން ފެށުމާއިއެކު އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ގެންގުޅުނު ޕްލޭން ކަމަށްބުނެ ބައެއް ކުރެހުންތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

މަގު ތަރައްޤީކުރުމުގެ މިލްކުވެރިކަމާ މެދު ބައެއް ފަރާތްތަކުން ވަކާލާތުކުރާއިރު ރައީސް ވިދާޅުވީ އެ މަޝްރޫޢަކީ ސީދާ މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމެވި މަޝްރޫޢެއްކަމަށާ އެ މަޝްރޫޢުއަކީ މި ސަރުކާރުން ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.

ރައީސް ވިދާޅުވީ މިކަހަލަ ކަންކަމުން ސިޔާސީ މަންފާ ހޯދުމަށްވުރެ، ރައްޔިތުންނަށް ލިބޭ މަންފާ އިސްކޮށް ޚިދުމަތް ބަލައިގަނެ މަރުޙަބާ ކިޔުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކި މަރުހަލާތަކަށް ބަހާލައިގެން ތަރައްޤީ ކުރަމުންދާ ބޮޑުތަކުރުފާނު މަގުގެ ބާކީ ބައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް ތަރައްޤީ ކުރުމާއެކު މަގުގެ މަސައްކަތް އެއްކޮށް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. ރައީސް ވިދާޅުވީ ބޭރުމަގު ތަރައްޤީ ކުރުމާއެކު މާލޭގެ އެތެރޭގެ މަގުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ރުއްޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށާއި އަދި ލޯންޗްތައް ލަފާ ފުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުދި ޖެޓީތަކެއް ތަރައްޤީކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން، 4 ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކުގައެވެ.

144 މިލިއަން ރުފިޔާއަށް މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ފާއިތުވި 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް