އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއްނޫން، ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން: ޑރ. ޝާހު

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއް ނޫންކަމަށާއި މި ވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ، ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ އެ ކުންފުނީގެ ޒިންމާއަކީ ދިވެހިރާއްޖެއަށް ބޭނުންވާ ބޭހާއި، ސިއްހީ އާލާތްތައް ގަނޑުކޮށް ގަނެ އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. ޑރ ޝާހު ވިދާޅުވި ގޮތުގައި، ބޭހުގެ މައްސަލައަކީ ޒަމާނުއްސުރެން ހައްލު ބޭނުންވެ، ނުލިބިވާ ކަމެއްކަމަށާއި، ވަށައި ޖެހޭ ދާއިމީ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން އަންނަކަމަށެވެ. އެގޮތުން، ސްޓޮކްމެނޭޖްމަންޓް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް ރަނގަޅުކޮށް ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ޑިޖިޓަލް ސިސްޓަމް ގާއިމްކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަގުތީ ހައްލު ހޯދުމަށް، ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކުރަމުން އައި ނަމަވެސް، ކުރިޔަށް އޮތް ތަނުގައި ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް އެތެރެކުރާނެކަމަށެވެ. އަދި، މި މަސައްކަތްކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނޭ އެއްކަމަކީ ވިޔަފާރި ނަފާ އިތުރުކުރުމަށްވުރެން، ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމުހަމަޖެއްސުންކަމަށެވެ.
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފައެވެ.
އިތުރަށް


.webp&w=3840&q=100)


.gif.gif&w=828&q=100)