logologologologo
STO
ޚަބަރު

ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު

ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 06

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮށް، ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އިގްތިސާދީ މި ހާލަތުގެ ޒިންމާ ކުރީ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.މިނިސްޓަރު ސަޢީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނު ސަސްޕެންޑްކޮށް، ޒިންމާވާން ނުޖެހޭ ގޮތަށް އެތައް ލުއިތަކެއް ދީގެން 8،000 މިލިއަން (8 ބިލިއަން) ރުފިޔާ ޗާޕުކޮށްގެން ބާޒާރަށް ނެރުނު ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ނިކަމެތިވެ، ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން ދިޔައީ އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތި އެކަން ކުރުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ޕީއެންސީ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި އޮތް އިރުގައި ވެސް އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް އަޑު އިއްވަމުން ގެންދިޔައީ ފައިސާ ޗާޕް ކުރުމުން މިހާރު މި އޮތް ހާލަތު ރާއްޖެއާއި ބައްދަލުކުރާނެ ކަމަށެވެ. 

"ގާނޫނު ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕުކުރަމުން ގެންދިޔައީ. އެހެންވީމަ އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެ ކަމަށް ބުނެ އަޅުގަނޑުމެން އެވާހަކަ ދެއްކިން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރުމުގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވޯލްޑް ބޭންކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އެކަން އެގޮތަށް ނުކުރަން އޭރުވެސް އިންޒާރު ދެމުންދިޔަ ކަމަށެވެ. އަދި އޭރުގެ އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އުފެދިފައޮތް ޑިމޮކްރެޓްސް ފެކްޝަނުންވެސް އެމްޑީޕީގެ ސަރުކާރަށް ފައިސާ ޗާޕު ނުކުރުމަށް ގޮވާލަމުން ދިޔަކަމަށާއި، ފައިސާ ޗާޕުކުރުމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަން އިތުރުވާނެކަމަށް އެބޭފުޅުންވެސް ބުނަމުންދިޔަކަން ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރު ނިމުމަކަށް އަންނަން ޖެހުނު އެއް ސަބަބަކީވެސް މިއީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފައިސާ ޗާޕް ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އެމްޑީޕީ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ޗާޕް ކުރި އިރު، މި ސަރުކާރު އައި އިރު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަނަށްވުރެ މަތީގައެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް