logologologologo
STO
ޚަބަރު

ބަނގުރޫޓް ވަނީޔޭ ގޮވި ދެ މީހުން އަމީރު ގޮވައިގެން އަރައި ޑޮލަރޭ ކީމާ ހުސް ގޮނޑި ގިނަވާނެ: ޝުޖާ

ބަނގުރޫޓް ވަނީޔޭ ގޮވި ދެ މީހުން އަމީރު ގޮވައިގެން އަރައި ޑޮލަރޭ ކީމާ ހުސް ގޮނޑި ގިނަވާނެ: ޝުޖާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 13

ބަނގުރޫޓް ވަނީޔޭ ގޮވި ދެ މީހުން އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބުރާހީމް އަމީރު ގޮވައިގެން އަރައި ޑޮލަރޭ ކީމާ ހުސްގޮނޑި ގިނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާޙީމް ޝުޖާ ވިދާޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ޑޮލަރުގެ ވާހަކަ ދައްކަން ބެއްވި ޕެނަލް ޑިސްކަޝަންއަށް ފާޑު ވިދާޅުވެ ޝުޖާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ ޑިސްކަޝަން ކުރިއަށް ދިޔައީ ގިނަ އަދަދެއްގެ ހުސް ގޮނދިއާއި އެކުގައި ކަމަށެވެ.

"ގިނަ އަދަދެއްގެ ހުސްގޮނޑިއާއެކު މިހާރު އާރޓިފިޝަލް ބީޗްގައި ކުރިއަށްދާ އެމްޑީޕީގެ ޕެނަލް މަޝްވަރާގައި ޕެނަލިސްޓުންނަށް ތިއްބެވި އީވާ ޢަބްދުﷲ އާއި އިލިޔާސް ލަބީބަކީ އެމްޑީޕީ ވެރިކަމުގައި ރާއްޖެ ބަނގުރޫޓް ވަނިއްޔޭ ކިޔާ އަމީރަށް ވަގަށް ގޮވި 2 މީހުން." ޝުޖާ ވިދާޅުވިއެވެ.

ޝުޖާ އިތުރަށް ވިދާޅުވީ މި ދެމީހުން މިވާހަކަތައް ގޮވީ އަމީރު މާލީ ވަޒީރަކަށް ހުރެ އަޅުއްވާ ފިޔަވަޅު ތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްގެއްލުން ވަމުން ދާކަމަށް ބުނެ ކަމަށެވެ. ހަމައެހެންމެ، އަމީރުގެ ވަޒީރުކަމުގައި ފައިސާ ފުލުފުލުގައި ޗާޕްކޮށް ބާޒާރަށް ނެރުމުގެ ސަބަބުން ރުފިޔާގެ އަގުވެއްޓި، ތަކެތީގެ އަގު އުފުލެމުންދާތީ އެކަމާ ގުޅިގެން ކަމަށް ވެސް ޝުޖާ ވިދާޅުވިއެވެ.

އޭރުގެ މާލީ ވަޒީރު އަމީރު ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅުއްވަނީ ވައްކަމުގެ ރަޝީދެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތައް ފާޑު ވިދާޅުވީ އެމްޑީޕީގެ މިހާރުގެ ޗެއާޕާރސަން ރައީސް މުޙައްމަދު ނަޝީދު ކަމަށް ވެސް ޝުޖާގެ މެސެޖުގައި ވިދާޅުވިއެވެ.

"މިއަދު މިއެންމެން އަމީރު މެދުގަ ބައިންދައިގެން މި ދައްކާ ވާހަކަ ތަކުން ރައްޔިތުން މިއެންމެންނަށް ކުރަނީ މަލާމާތް. މިހާ ހުސްގޮނޑި މިއޮތީ މިސަބަބާހުރެކަން ޔަޤީން." ޝުޖާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރުގެ މަޤާމުވެސް ފުރުއްވާ ޝުޖާ ވިދާޅުވީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ އިޤްތިޞާދު ފުނޑާލާ، ޑޮލަރުގެ ކަޅުބާޒާރު އުފައްދާ ބަޔަކު އަރައި މިހާރު ޑޮލަރުގެ ވާހަކަ ދެއްކީމާ، އެކަމާ ޖޯކު ޖަހާމީހުން ގިނަވާ ކަމަށެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް