އެސްޓީއޯއިން ހިންގަމުންއައި ފާމަސީތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށްފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައިސްފައިވާ ފާމަސީތަކުގެ ނަން "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، މިއަދުން ފެށިގެން އައު ބްރޭންޑްގައި ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ބޭހުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިފަދަ ބޮޑު ބަދަލެއް ތަންފީޛުކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.
އަދި މި ބަދަލާ ގުޅިގެން ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ކުންފުނިން ދެއެވެ.
ސްޓޭޓްފާމާއިން ވަނީ ދިވެހި ރައްޔިތުން އެ ކުންފުންޏަށް ކުރައްވާ އިތުބާރަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި މި ބަދަލު ގެނައުމުގެ މަރުޙަލާގައި ރައްޔިތުންނާއި، ޞިއްޙީ ދާއިރާގެ އެންމެހައި ފަރާތްތަކުގެ އިތުރުން ކުންފުނީގެ މުވައްޒަފުން ދެއްވި ފުރިހަމަ އެއްބާރުލުމަށާއި ބެހެއްޓެވި ކެތްތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް ރައްދުކޮށްފައެވެ.
މީގެ އިތުރުން ކުންފުނީގެ އެންމެ އިސް ޝިޢާރަކީ އަދި މަޤްޞަދަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައި އެސްޓޭޓް ފާމާއިން ހާމަކުރެއެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)