logologologologo
STO
ޚަބަރު

ރައީސް މުޢިއްޒުއާ ވަކިން ބައްދަލުކުރަން އެދޭ ރައްޔިތުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ

ރައީސް މުޢިއްޒުއާ ވަކިން ބައްދަލުކުރަން އެދޭ ރައްޔިތުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 26

އެމަނިކުފާނާ ވަކިން ބައްދަލުކުރަން އެދޭ ރައްޔިތުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި ވަގުތަކާއި އުސޫލެއް ކަނޑައަޅައިގެން އެމަނިކުފާނާ ބައްދަލުކުރެއްވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ. އެ ބައްދަލުވުންތައް ބާއްވާނީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ އެކީގައި ކަމަށާއި ހުރިހާ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލުކުރަން އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް މިއަދު އޮންނާނީ މާފަންނު އުތުރު ދާއިރާގެ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ވަގުތު އޮންނަ ވަރަކުން، އުސޫލުގެ ތެރެއިން ފުރުސަތު ލިބިގެންދާ އެންމެނާ ބައްދަލުކުރުން. ދެން އަންނަ ދުވަހު އަނެއް ދާއިރާ. މިހެން ގޮސް 93 ދާއިރާ ނިމޭނީ ލައްކަ ދުވަހުން." ރައީސް ވިދާޅުވިއެވެ.

"ހަފްތާއަކު އެއް ދުވަހު ބައްދަލުކޮށްފިއްޔާ ވަރަށް ދުވަސް، ހަފްތާއަކު ދެ ދުވަހު ބައްދަލުކުރިޔަސް ދެން ހުރި ކަންތައްތަކާއި ދަތުރުތަކަށް ބެލިޔަސް އަހަރެއްހާ ދުވަސް ނަގާނެ ކަން ނޭނގެ ހުރިހާ ދާއިރާއެއް ކަވަރު ކުރަން. އެހެންވިޔަސް، ކޮންމެ ދާއިރާއަކުން 10 ވަރަކަށް ނޫނީ 15 ވަރަކަށް އާއިލާއާ ބައްދަލުވާ ކަމަށްވާ ނަމަ، ނުވަތަ 15 ވަރަކަށް ގޭގެ ފަރާތްތަކާ ބައްދަލުވާ ނަމަ، ވަރަށް ގިނަ މީހުންނަށް ފުރުސަތު ލިބިގެންދާނެ އެމީހަކު ބޭނުންވާ ވާހަކައެއް ދައްކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އިސްކަން ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށާ ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ދަތުރުފުޅު ކުރައްވާއިރު، އިސްކަން ދެއްވާނީ ވެސް އެކަހަލަ ފުރުސަތުތައް ދިނުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މީގެކުރިން ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކުރައްވަން އިސްކަން ދެއްވި ކަމަށާ ކުރިއަށް އޮތް ތަނުގައި، އެރަށެއްގެ ރައްޔިތުންގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެވެސް ކަހަލަ އުސޫލުތަކެއްގެ ތެރެއިން ވަގުތު ދެއްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މީގެކުރިން މާލޭގެ އެކި އަވަށްތަކަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެދުނު ކަންކަމަށް އެޑްރެސްކޮށްފައިވާ ކަމަށާ އަދި އެއްވެސް މީހަކަށް ޖަވާބެއް ނޫނީ ކަމެއް ހަމަޖައްސައި ނުދެވި އޮތް ނަމަ، އެކަން ގެނެސްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ވަރަށް ސަމާލުކަން ދެން، ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރުން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އެންމެ ބޮޑަށް އައި ޝަކުވާއަކީ ބޯހިޔާވަހިކަމާ ގުޅޭ ޝަކުވާތައް ކަމަށާ އެގޮތުން، ފްލެޓު ނުލިބިގެން ޝަކުވާތަކެއް އައިއިރު، އެ މީހުންގެ އެޕްލިކޭޝަންތަކަށް މާކްސް ދީފައި އޮތް ގޮތް ރަނގަޅުތޯ ބަލައި އެއަށް ޖަވާބު ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތް ހުންނަ ގޮތުން ރައްޔިތުންނާއެކު ވަކިވަކިން ބައްދަލު ނުވިޔަސް، ކަމާ ގުޅުން ހުރި ރައީސް އޮފީހުގެ މިނިސްޓަރުން އެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރުން ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހަމައަށް ގެންނެވުމުން އެކަމުގައި ގޮތްތަކެއް ނިންމަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އެހެން ރައީސުންނާ ޚިލާފަށް، ވެރިކަމުގެ ދައުރުގެ ކުރީކޮޅު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް ޑރ. މުޢިއްޒު ރެކޯޑް ހައްދަވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް