logologologologo
STO
ޚަބަރު

ޔޫއޭއީގެ ސަފީރުކަމަށް ތޯރިގް، ގަތަރުގެ ފުރަތަމަ ސަފީރަކަށް އާދަމް ޝަރީފް އައްޔަންކުރައްވައިފި

ޔޫއޭއީގެ ސަފީރުކަމަށް ތޯރިގް، ގަތަރުގެ ފުރަތަމަ ސަފީރަކަށް އާދަމް ޝަރީފް އައްޔަންކުރައްވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 25

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރަށް ރާއްޖެއިން ކަނޑައަޅާ އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ކުރީގެ މިނިސްޓަރު ތޯރިގު އިބްރާހީމަށެވެ. އަދި ގަތަރުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރަށެވެ. މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ރުހުން ރައްޔިތުންގެ މަޖިލީހުން ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްޔަންކުރެއްވުމާއެކު، އެ ބޭފުޅާ ވެގެންދާނީ ގަތަރަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ ސަފީރަށެވެ. ރާއްޖެއިން ގަތަރުގައި އެމްބަސީއެއް އުފެއްދެވީ މިދިޔަ 2025 ވަނަ އަހަރުގެ ޖޫން 29 ގައި ރައީސް މުއިއްޒުއެވެ. ނަމަވެސް މިހާތަނަށް އެ ގައުމަށް ސަފީރަކު އައްޔަންކުރައްވާފައެއް ނުވެއެވެ.

ރާއްޖެއާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ގާއިމުކުރީ މެއި 26، 1984 ގައެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގަލްފް ސަރަހައްދުގެ ދެބަސްވުންތަކާ ގުޅިގެން ގުޅުން ކަނޑާލުމަށްފަހު، އަލުން ގުޅުން ގާއިމުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، މާޗު 15، 2021 ގައެވެ.

ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރެއްވި ތޯރިގު އިބްރާހީމަކީ ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން ރައީސް ޔާމީންގެ ދައުރު ނިމެންދެން އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގައިވެސް ފުރަތަމަ އެންވަޔަރްމަންޓް މިނިސްޓަރުކަން އަދި ފަހުން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވުމަށްފަހު، އޭނާ ކެބިނެޓުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހުއެވެ.

ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި، ސަރުކާރުގެ މިހާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ އޭޕްރީލް 6 ގައި އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވުމާ ހަމައަށް ތޯރިގާއި އާދަމް ޝަރީފް ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޓީސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ބޭފުޅުންވެސް ކެބިނެޓުން ވަކިވެވަޑައިގަތީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް