logologologologo
STO
ޚަބަރު

ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ބަދަލުވާ ނިޒާމެއް ދިވެހީން ބޭނުމެއް ނުވޭ: ރައީސް

ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ބަދަލުވާ ނިޒާމެއް ދިވެހީން ބޭނުމެއް ނުވޭ: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 25

ރައްޔިތުންގެ ބަހެއް ނެތި ވެރިކަން ބަދަލުވާ ނިޒާމެއް ދިވެހީން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ 2ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ވަރަށް ސާފު ނިންމުމެއް ދިވެހިން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އަކީ ވަކިވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއިއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށާއި، އެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ. ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ސިފަތައް ދަމަހައްޓާނެ ނިޒާމަކަށް ވުމަކީ ދިވެހިން އެދޭ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ވެރިކަމުގެ ނިޒާމެއް ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާ ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން ކަމަށާ އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުން ވާނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިޒާމު ބަދަލުކުރަން މިދަނޑިވަޅަކީ މިފަދަ ބަދަލަކަށް އެންމެ އެކަށީގެންވާ ދަނޑިވަޅުތޯ އަދި މިފަދަ ބަދަލެއް ގެނެވިދާނެތޯ ސުވާލުކުރުމުން ރައީސް ވަނީ ވެރިކަމުގެ ނިޒާމާއި މެދު ދިވެހިން އޮތީ ސާފުކޮށް ގޮތެއް ނިންމާފައިކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ ވޯޓަކުން ނިންމައިގެން ރިޔާސީ ނިޒާމަކަށް ރާއްޖެ ހިންގަމުންދާ އިރު، ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނެސްފި ނަމަ ރާއްޖެ އަށް ވެގެންދާނެ ގޮތް ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި އަމަލުކުރާ ނިޒާމުތަކަށް ބަލާއިރު، އެ ޤައުމުތަކުގައި ބަރުލަމާނީ ނިޒާމް އޮތުމުން ކައިރިކައިރީގައި ބޮޑުވަޒީރު ބަދަލުވާން މެދުވެރިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ނިޒާމް ބަދަލުކުރާ މަޤްސަދާއި މެދު ސުވާލުއުފައްދަވާފައެވެ. ރައީސް ވިދާޅުވީ އެ މީހުންގެ ތެރޭގައި ވެރިކަން ކުރާހިތްވާ މީހުން ގިނައީ ކަމަށާ އެހެންވީމަ އެންމެންނަށް ބޮޑެތި މަޤާމުތައް ދޭން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮތީ ސީދާ ރިޔާސީ ނިޒާމެއް ނޫން ކަމަށް ވީނަމަވެސް ރާއްޖޭގެ ޤާނޫނުއަސާސީ އޮތްގޮތުން މި ނިޒާމުގައި ގިނައީ ރިޔާސީ ނިޒާމުގެ ސިފަތައް ކަމަށެވެ.

ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ ވެރިއަކީ އަދި ދައުލަތުގެ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ނިޒާމުގައި ރައީސަކީ ސީދާ ރައްޔިތުންގެ އިންތިޚާބަކުން އައްޔަންކުރާ ބޭފުޅެކެވެ. އެހެންނަމަވެސް، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. މި ނިޒާމުގައި ދައުލަތުގެ ވެރިޔަކީ ރައީސްއެވެ. އަދި ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކަށް ބޭފުޅަކު ހޮވަނީ މަޖިލީހުގެ އަޢުލަބިއްޔަތު ލިބޭ ޕާޓީއަކުން ނުވަތަ އިއްތިހާދަކުންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އޮންނަންވީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. މި ވޯޓުން 60 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ތާޢީދުކުރީ އޭރު އޮތް ރިޔާސީ ނިޒާމަށްކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް