logologologologo
STO
ޚަބަރު

ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަން އެެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު

ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަން އެެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 24

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން މިހާރު ހިންގަމުން އަންނަ ހުރިހާ ބޭސްފިހާރަތަކެއް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑުގެ ދަށަށް ބަދަލު ކުރުމުގެ ގޮތުން ސްޓޮކް ކައުންޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެސްޓީއޯ ހެލްތް ކެއާ އިން މިރޭ ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޑެޓްގެ ދަށަށް ބަދަލުކުރަން މި މަހުގެ 24, 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދަން ފާމަސީތައް ބަންދުގވާނެ ކަމަށެވެ.

ނަމަވެސް އިމާޖަންސީ ހާލަތުގައި  ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު މީގެ ކުރިން ވިދާޅުވީ، މި ބަދަލާއެކު އެސްޓީއޯގެ 193 ފާމަސީއާއި، އައިޖީއެމްއެޗްގައި އަލަށް ހުޅުވި ފާމަސީ ހިމެނޭހެން ޖުމްލަ 194 ފާމަސީއެއްގެ ހިންގުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވާނެ ކަމަށެވެ. މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން ފާމަސީތަކަށް ބޭނުންވާ ސަޕްލައިތަކާއި، އިލެކްޓްރޯނިކް ސިސްޓަމްތައް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ބާރުލާފައި ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭހުގެ ސްޓޮކް ހުރި މިންވަރު ދުރާލާ އެނގޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށެވެ. މިގޮތުން، ފާމަސީތަކުގައި ބޭސް ހުރި މިންވަރު ލައިވްކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެހުމުން، ހެލްތު މިނިސްޓްރީއާއި ރެގިއުލޭޓަރީ އިދާރާތަކަށް ބޭހުގެ ފޯކާސްޓްތައް ހެދުމަށް ފަސޭހަވެގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް