ހޮރްމުޒް ކަނޑުއޮޅިން އީރާނަށް ފީއެއް ނުނެގޭނެ، އެކަމަކު އެމެރިކާއިން ފީ ނަގައިފާނެ: ޓްރަމްޕް

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އެއްވެސް ކަހަލަ ފީއެއް ނެގޭނީ ހަމައެކަނި އެމެރިކާއަށް ކަމަށާއި، އީރާނަށް އެ ފުރުސަތު ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އިއްޔެ ޓްރަމްޕްގެ "ޓްރުތް ސޯޝަލް" އެކައުންޓްގައި ކުރެއްވި މި ޕޯސްޓަކީ، ދާދިފަހުން އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުމަށް ބުރޫއަރަމުންދާ ކަމުގެ ނިޝާނެކެވެ.
ޓްރަމްޕް ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ 60 ދުވަހުގެ މުއްދަތުގައާއި އެ މުއްދަތު ހަމަވުމަށްފަހު ވެސް ހޮރްމުޒް ކަނޑުއޮޅިން އެއްވެސް ފީއެއް ނުނެގޭނެ ކަމަށެވެ. ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މެދުއިރުމަތީގެ ގައުމުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެމެރިކާއިން ކޮށްފައިވާ އަދި ކުރާނެ ހޭދައިގެ ބަދަލެއްގެ ގޮތުން އެމެރިކާއިން ފީ ނެގުމުގެ އިޚްތިޔާރު އޮންނާނެ ކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވިއެވެ. މިއީ ކުރިން ކަނޑުއޮޅި ދާއިމީކޮށް ހިލޭ އޮންނަންޖެހޭނެ ކަމަށް ވިދާޅުވި ޓްރަމްޕްގެ ވިސްނުން ބަދަލުވިކަމުގެ ހެއްކެކެވެ.
މިދިޔަ ފެބުރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ނަމަވެސް ބުދަ ދުވަހުގެ އެއްބަސްވުމުގެ ދަށުން 60 ދުވަހަށް ކަނޑުއޮޅި ހުޅުވާލަން ޖެހެއެވެ. އެކަމަކު، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބުނެ، އީރާނުގެ އަސްކަރިއްޔާއިން އިއްޔެ ވަނީ ކަނޑުއޮޅި އަނެއްކާވެސް ބަންދުކުރި ކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ވަނީ އެކަން ދޮގުކޮށް، ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށް ބުނެފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ނާރެހެވެ.
- ތެލާއި ގޭސް: ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
- ކާދު: ދުނިޔޭގެ ކާދުގެ (fertilizer) ވިޔަފާރީގެ 30 އިންސައްތަ ހިއްސާކުރަނީ މި ސަރަހައްދުންނެވެ.
މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލި، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މި މައްސަލައިގައި ދެން ހުރި ކަންކަމާ މެދު މަޝްވަރާ ކުރުމަށްޓަކައި ޕާކިސްތާނުގެ މެދުވެރިކަމާއެކު މިއަދު ސްވިޒަލޭންޑްގައި ބައްދަލުވުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ސްވިޒަލޭންޑުގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދޭ ގޮތުގައި އީރާނުގެ ވަފުދެއް މިހާރު ވަނީ އެ ގައުމަށް ގޮސްފައެވެ. މި ވަފުދުގައި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރް ގާލިބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހިމެނިވަޑައިގަންނަވައެވެ. އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވުމަށް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާ އާއި، ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވާފައެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)