އެމެރިކާ އިރާން އެއްބަސްވުމުގައި އޮތީ ކީކޭ؟
.jpg&w=1920&q=100)
ފްރާންސްގައި ކުރިއަށްދާ ޖީ7 ސަމިޓުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު ކުރުމަށް ސޮއިކުރައްވާފައެވެ.
"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" އެއްގެ ގޮތުގައި އެކުލަވާލާފައިވާ މި އެއްބަސްވުމަކީ 14 މާއްދާގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ. މިއީ ތިން ގައުމު (އެމެރިކާ، އީރާނު، އަދި އިސްރާއީލް) ގެ މެދުގައި ހަނގުރާމަ ފެށުނުތާ 4 މަސް ފަހުން ވީ އެއްބަސްވުމެކެވެ. ޓްރަމްޕްގެ ސަރުކާރުން ބުނާގޮތުގައި މިއީ "ޕާފޯމަންސް ބޭސްޑް" (އީރާނުން އަމަލުކުރާ ގޮތަށް ބަލައި ފައިދާލިބޭ) އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ހިމެނޭ 14 މާއްދާގެ ތަފްސީލު ތިރީގައި މިވަނީއެވެ:
1. ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުން
އެމެރިކާ، އީރާނު އަދި އެގައުމުތަކުގެ ބައިވެރިން ހުރިހާ ދިމާލަކުން އަސްކަރީ ހަރަކާތްތައް "ވަގުތުން އަދި ދާއިމީކޮށް" ހުއްޓާލަން ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ލުބުނާންވެސް ހިމެނެއެވެ. އެމެރިކާގެ ބޭނުމަކީ އިސްރާއީލުން ހިޒްބުاللهއާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މި އެއްބަސްވުމަށް ބުރޫނޭރުވުމެވެ. އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އިސްރާއީލުން ލުބުނާނުގައި ހިންގާ ހަރަކާތްތައް ކުރިއަށްގެންދާނަމަ އެއީ އެއްބަސްވުމާ ޚިލާފުވުމެކެވެ. ނަމަވެސް މިއަށް އިސްރާއީލުން އަމަލުކުރާނެ ގޮތެއް އަދި ނޭނގެއެވެ.
2. އެތެރޭގެ ކަންކަމާ ނުބެހުން
ދެގައުމުގެ ސިލްސިލާ އަދި ސަރަހައްދީ މިނިވަންކަމަށް އިހުތިރާމްކޮށް، އެއްގައުމުން އަނެއްގައުމުގެ އެތެރޭގެ ސިޔާސީ ކަންކަމާ ނުބެހުމަށް ވަނީ އެއްބަސްވެފައެވެ. މިއީ އީރާނުގެ ސަރުކާރާ ދެކޮޅު ޖަމާއަތްތަކުން ނުރުހުންވާނެ ނުކުތާއެކެވެ. ސަބަބަކީ މީގެ ކުރިން އީރާނުގައި މުޒާހަރާތައް ހިނގިއިރު ޓްރަމްޕް ވަނީ އެމީހުންނަށް "އެހީތެރިކަން އަންނަނީ" ކަމަށް ވިދާޅުވެފައެވެ.
3. 60 ދުވަހުގެ މުއްދަތެއް
މި ސޮއިކުރެވުނު MoU އަށްފަހު، ދާއިމީ ފައިނަލް އެއްބަސްވުމަކަށް ދިއުމަށްޓަކައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މަޝްވަރާތައް ބާއްވައި ނިންމަން ޖެހެއެވެ. ނަމަވެސް ދެގައުމުގެ ރުހުމާއެކު މި މުއްދަތު އިތުރު ކުރެވިދާނެއެވެ. މީގެ ކުރިން ޖެނީވާގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވަން އުޅުނު ނަމަވެސް، މިހާރު އެކަން ކުރިއަށްދާނެ ގޮތެއް ސާފެއް ނޫނެވެ.
4. އެމެރިކާގެ ބްލޮކޭޑް އުވާލުމާއި ސިފައިން ބޭލުން
އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތަކާއި ކަނޑުގެ ބަންދު (Naval Blockade) ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެއްކޮށް އުވާލަން ޖެހެއެވެ. އަދި ފައިނަލް އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭގައި އީރާނާ ކައިރީގައިވާ ސަރަހައްދުތަކުން އެމެރިކާގެ އަސްކަރީ ބާރުތައް ފަހަތަށް ޖައްސަން ޖެހެއެވެ. މާނައަކީ ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާ ސިފައިން ތިބި މަގާމުތަކަށް ރުޖޫއަވުމެވެ.
5. ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުން
އީރާނުން އެންމެ ބޮޑު އިސްކަމެއް ދީގެން ހޯރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުތަކަށް އެއްވެސް ފީއަކާ ނުލައި، އަމާންކަމާއެކު ދަތުރުކުރެވޭނެ މަގު "ވަގުތުން" ފަހިކޮށްދޭން ޖެހެއެވެ. މި ސަރަހައްދު ބަންދުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މުސްތަގުބަލުގައި އީރާނުން އޮމާން އަދި ގަލްފްގެ އެހެން ގައުމުތަކާ ގުޅިގެން މި ކަނޑުއޮޅި ބަލަހައްޓާނެ ގޮތުގެ ފުޅާ އެއްބަސްވުމެއް ހަދާނެއެވެ.
6. އީރާނު އާރާސްތުކުރަން 300 ބިލިއަން ޑޮލަރު
އީރާނުގެ އިގްތިސާދު ބިނާކޮށް އާރާސްތުކުރުމަށް ސަރަހައްދީ ގައުމުތަކާ ގުޅިގެން 300 ބިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލާނެއެވެ. ނަމަވެސް، އެމެރިކާއިން މިއަށް އެއްވެސް ފައިސާއެއް ދޭކަށް ނުޖެހެއެވެ. މިސާލަކަށް އީރާނުން އެއްބަސްވުމަށް ބޯލަނބާނަމަ، ޔޫއޭއީ ފަދަ ގައުމަކުން އީރާނުގައި ޕަވަރ ޕްލާންޓެއް އެޅުމަށް އެމެރިކާއިން ހުއްދަ ދޭނީއެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި މިއީ 2015 ގައި އޮބާމާގެ ސަރުކާރުން ހެދި އެއްބަސްވުމާ މުޅިން ތަފާތު ގޮތެކެވެ.
7. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން
އދ. ގެ ސަލާމަތީ މަޖިލީހުންނާއި އެމެރިކާއިން ވަކިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ އިގްތިސާދީ ފިޔަވަޅުތަކެއް އުވާލާނެއެވެ. ނަމަވެސް މީގެ ތާވަލް ކަނޑައަޅާނީ ކުރިއަށް ހުރި ފައިނަލް މަޝްވަރާތަކުގައެވެ.
8. ނިއުކްލިއާ ހަތިޔާރު ނުއުފެއްދުން
އީރާނުން ނިއުކްލިއާ ހަތިޔާރު ނުގަންނަން އަދި ނުއުފައްދަން އެއްބަސްވެއެވެ. އަދި މިހާރު ހުރި ޔުރޭނިއަމްތައް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ބެލުމުގެ ދަށުން ނިއުކްލިއާ ހަތިޔާރު ނުހެދޭ ފެންވަރަށް ދަށްކުރަން ޖެހެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ފެށި "އޮޕޮރޭޝަން އެޕިކް ފިއުރީ" ގެ 99 އިންސައްތަ ބޭނުމަކީ މިއެވެ.
9 އާއި 10. ނިއުކްލިއާ ޕްރޮގްރާމްގެ "ސްޓޭޓަސް ކޯ"
ފައިނަލް އެއްބަސްވުމަކަށް ދެވެންދެން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މިހާރު ހުރި މިންވަރުގައި ހިފަހައްޓަން ޖެހެއެވެ. އަދި އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެއެވެ. މީގެ އިތުރުން އީރާނުގެ ތެލާއި ބޭންކިންގް މުއާމަލާތްތަކަށް ވަގުތީ ހުއްދަތަކެއް އެމެރިކާއިން ދޭނެއެވެ.
11. ފްރީޒްކޮށްފައިވާ ފައިސާ ދޫކުރުން
އީރާނުގެ ހިފަހައްޓާފައިވާ މާލީ އެސެޓްތައް އެއްކޮށް ދޫކޮށްލަން އެމެރިކާއިން އެއްބަސްވެއެވެ. އީރާނުން އެއްބަސްވުމުގެ މާއްދާތަކަށް (ޚާއްސަކޮށް ޔުރޭނިއަމް ދަށްކުރުމަށް) އަމަލުކުރާ މިންވަރަކުން، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މި ފައިސާ މަދުމަދުން ދޫކުރަމުންދާނެއެވެ.
12، 13 އަދި 14. މޮނިޓަރިންގ އާއި ފައިނަލް މަޝްވަރާ
ފަހު ތިން މާއްދާގައި ބަޔާންކުރަނީ މި އެއްބަސްވުމަށް ދެގައުމުން އަމަލުކުރާ މިންވަރު ބެލުމަށް ޚާއްސަ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމާއި، ފައިނަލް އެއްބަސްވުމުގެ މަޝްވަރާތައް ރަސްމީކޮށް ފެށުމެވެ. އަދި އެންމެ ފަހުން ވެވޭ ފައިނަލް އެއްބަސްވުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ބާރުދޭ، ގާނޫނީ ގޮތުން ދެގައުމަށް މަޖުބޫރު އެއްބަސްވުމަކަށް ހަދަން ޖެހެއެވެ.
އިތުރަށް





.gif.gif&w=828&q=100)