logologologologo
STO
ދުނިޔެ

އެމެރިކާގެ ހަމަލާތަކުގެ ބަދަލުހިފުމަށް ބަހްރޭން، ކުވައިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާގެ ހަމަލާތަކުގެ ބަދަލުހިފުމަށް ބަހްރޭން، ކުވައިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލި މައްސަލާގައި، އީރާނުގެ ބަނދަރުތަކަށާއި ރަށްތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ބަހްރޭން، ކުވައިތު އަދި އުރުދުން ގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަހްރޭންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓްއަށާއި، ކުވައިތުގައި ހުންނަ އަލީ އަލް ސާލިމް ބޭހަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި އުރުދުންގެ އަޒްރާގްގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަށް ދުރުރާސްތާގެ މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އީރާނުން ހާމަކުރިއެވެ.

21 އަމާޒަކަށް ހަމަލާދީ، އެފް-35 ގެ ހޭންގަރެއް ހަލާކުކޮށްލުން

އައިއާރްޖީސީގެ ބަޔާނުގައިވާ ގޮތުން، އެމެރިކާގެ 21 އަމާޒަކަށް ހަމަލާދީ އޭގެ ތެރެއިން 4 ތަނެއް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ. މީގެ ތެރޭގައި އުރުދުންގައި ހުރި މަރުކަޒުގައި އެމެރިކާގެ އެންމެ ޒަމާނީ އެފް-35 (F-35) ފައިޓަރު ޖެޓުތައް ބާއްވާ ހޭންގަރެއް ހިމެނެއެވެ.

މީގެ އިތުރުން، އީރާނުގެ ޖާމް ސިޓީގެ މަތިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެމްކިއު-9 (MQ-9) މަރުކާގެ ޑްރޯންއެއް ވައްޓާލާފައިވާ ކަމަށްވެސް އީރާނުން ބުނެއެވެ.

މި ކުރިމަތިލުންތައް ހޫނުވީ އަންގާރަ ދުވަހު އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމުގެ ބަދަލުގައި، އެމެރިކާ ސިފައިން އީރާނުގެ ގޭޝްމް ރަށަށާއި ހޮރްމޫޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ބަނދަރުތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. އީރާނުން ބުނިގޮތުގައި އެމެރިކާގެ ހަމަލާތަކުގައި ސިރިކް އަވަށުގެ މުވާސަލާތީ އެންޓަނާއަކަށާއި ދެ ފެންތާނގީއަކަށް ވަނީ ގެއްލުންވެފައެވެ.

އީރާނުގެ ހަރުކަށި އިންޒާރު

އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް "ފުނޑާލަނިވި އަދި ނިންމާލަނިވި" ރައްދެއް ދިނުމަށް އެގައުމުގެ ސިފައިން ސާބިތުކަމާއެކު ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި މަސްރަހު އިތުރަށް ހޫނުވެގެން ހިނގައިދާނެ ކޮންމެ ނަތީޖާއެއްގެ ފުރިހަމަ ޒިންމާ ވޮޝިންގޓަނުން އުފުލަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ކުއިންސީ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ތުރިތާ ޕާސީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ، އީރާނުން މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ވަގުތުން ވަގުތަށް، ވަރަށް ހަރުކަށި ރައްދެއް ދިނުމަށެވެ.

"އެހެން ނޫންނަމަ، އެމެރިކާއިން ބޭނުންވުމުން އީރާނަށް ހަމަލާދީފައި އެއްވެސް އަދަބެއް ނުލިބި ސަލާމަތްވެވޭނެ ފަދަ އާ އުސޫލެއް ގާއިމްވެދާނެ. އީރާނުން ދުނިޔެއަށް ސާފުކޮށްދޭން ބޭނުންވަނީ، ހަމަލާގެ ކުޑަބޮޑުމިނަށް ބެލުމެއްނެތް، އެމީހުންނަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލު ހިފާނެކަން،" ތުރިތާ ޕާސީ ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް