logologologologo
STO
ދުނިޔެ

އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމުން، އެމެރިކާއިން އީރާނަށް ހަމަލަދީފި

އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމުން، އެމެރިކާއިން އީރާނަށް ހަމަލަދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

ހޮރްމޫޒް ކަނޑުއޮޅި މަތިން ދަތުރުކުރި އެމެރިކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވައްޓާލި މައްސަލާގައި، އެމެރިކާ އާއި އީރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި، އަންގާރަ ދުވަހުގެ ހަވީރު އީރާނަށް އަމާޒުކޮށް ފެށި ވައިގެ ހަމަލާތައް މިހާރު ވަނީ "ފުރިހަމަކޮށްފަ" އެވެ. ނަމަވެސް، މިއަށް ރައްދުދީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބަހްރޭންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް އަދި އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ކުވައިތުގެ އަސްކަރިއްޔާއިންވެސް ދަނީ އެ ގައުމަށް އަމާޒުވި ހަމަލާތަކެއް ހުއްޓުވަމުންނެވެ.

މި ހަމަލާތައް ފެށުނީ ހޯމަ ދުވަހު ހޮރްމޫޒް ކަނޑުއޮޅި ޕެޓްރޯލް ކުރަމުންދިޔަ އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރުގައި ތިބި ދެ ފައިލަޓުން ސަލާމަތްކުރީ އެމެރިކާގެ ކަނޑުގެ އުޅަނދެއް (ސީ ޑްރޯން) ބޭނުންކޮށްގެންނެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި އެމެރިކާއިން ކަނޑުގެ ޑްރޯންއެއް ބޭނުންކުރިކަން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ އީރާނުން ދިން ހަމަލާއެއް ކަމަށާއި، މިއަށް އެމެރިކާއިން ރައްދު ދޭންޖެހޭނެ ކަމަށެވެ.

"އޭގައި ތިބި ދެ ފައިލަޓުންވެސް ތިބީ ސަލާމަތުން، އެއްވެސް އަނިޔާއެއް ނުވޭ. އެހެންނަމަވެސް، މި ހަމަލާއަށް އެމެރިކާއިން ރައްދު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ފައިޓަރު ޖެޓުތަކުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ އެއާ ޑިފެންސް ސިސްޓަމްތަކަށާއި، ރާޑަރުތަކަށް ހަމަލާދީފައެވެ. އީރާނުން ބުނިގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުވީ ޖާސްކް، ސިރިކް އަދި ގޭޝްމް ރަށަށެވެ.

އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނަށް ދޭ އެއްވެސް ހަމަލާއެއް ރައްދެއް ނުދީ ދޫނުކުރާނެ ކަމަށެވެ.

"އެމެރިކާއިން މި ސާބިތުކޮށްދިނީ އަހަރެމެންގެ އަޒުމް އިމްތިހާންކުރަން އުޅޭކަން. ސަލާމަތުން ތިބެން ބޭނުންނަމަ، އަހަރެމެންގެ މި ސަރަހައްދު ދޫކޮށް ފައިބާ،" އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

އީރާނުގެ އިސް މުސާހިބު މުހައްމަދު ބާގިރު ގާލިބާފްވެސް ވަނީ، އީރާނަށް ޑިޕްލޮމަސީގެ ބަހުރުވައަށްވުރެ ހަމަލާދިނުމުގެ ބަހުރުވަ މާ ފަރިތަކޮށް އެނގޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައެވެ.

މި ހަމަލާތައް މި ބަދަލުކުރެވުނީ، ސަރަހައްދީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ. މީގެ އިތުރުން އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތަކާ ގުޅިގެންވެސް މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އެހެންނަމަވެސް، ޓްރަމްޕް އަންގާރަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވަރަށް ރަނގަޅު އެއްބަސްވުމަކާ ހަމައަށް ދިއުމުގެ ފަހު މަރުހަލާ ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް