އިންޑިއާގެ އެންމެ ދުވަސްވީ ބޮޑުވަޒީރަކަށް މޯދީ ވުމުން ރައީސް މުއިއްޒުގެ މަރުހަބާ

އިންޑިއާގެ ތާރީޚުގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި އިންތިޚާބީ ވެރިޔާގެ ޝަރަފް ނަރެންދުރަ މޯދީއަށް ލިބިވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މޯދީއަށް މަރުހަބާ ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް ރާއްޖެއިން އެދެނީ އިހުތިރާމް ކުރުމާއި، އިސްތިގުލާލީ ހަމަހަމަކަމާއި އަދި ދެ ގައުމުގެ ޚިޔާލު އެއްގޮތްވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމާ މެއި 2014 ގައި ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގަތް މޯދީ މިހާރު ފައްޓަވާފައިވަނީ އެ މަގާމުގެ ތިންވަނަ ދައުރެވެ. އޭނާ ވަނީ މިއަދާ ހަމައަށް ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި 4,399 ދުވަސް ހަމަކުރައްވާފައެވެ.
މިއާއެކު މޯދީ މިވަނީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހެރޫ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި ހޭދަކުރެއްވި 4,398 ދުވަހުގެ ރެކޯޑް މުގުރާލައްވައި، އިންޑިއާގެ ސިޔާސީ ތާރީޚުން އާ ސަފުހާއެއް ލިޔުއްވާފައެވެ.
ނެހެރޫ އިންޑިއާގެ ބޮޑުވަޒީރުކަން ޖުމްލަ 17 އަހަރު ކުރެއްވި ނަމަވެސް، އޭގެ ތެރެއިން ފުރަތަމަ ފަސް އަހަރަކީ އިންތިޚާބަކާ ނުލައި އިންތިގާލީ ސަރުކާރެއްގެ ބޮޑުވަޒީރުގެ ގޮތުގައެވެ. އިންޑިއާގައި ބޭއްވި ފުރަތަމަ عام އާންމު އިންތިޚާބަށްފަހު، މެދުނުކެނޑި އިންތިޚާބީ ބޮޑުވަޒީރެއްގެ ގޮތުގައި ނެހެރޫ ހޭދަކުރެއްވީ 4,398 ދުވަހެވެ. މޯދީ މިއަދު ބާޠިލްކުރެއްވީ އެ ރެކޯޑެވެ.
މޯދީއަކީ ނެހެރޫއަށްފަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިން ދައުރު ޖެހިޖެހިގެން ކާމިޔާބުކުރެއްވި ހަމައެކަނި ބޭފުޅާވެސް މެއެވެ. މޯދީގެ މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް އިންޑިއާގައި ވެރިކަންކުރާ ކޯލިޝަން (އެންޑީއޭ) އިން ދަނީ ބޮޑެތި ހަރަކާތްތަކެއް ބާއްވަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)