ފިނޭންސް މިނިސްޓަރު ޒަމީރު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޒަމީރުގެ އިސްތިއުފާ ދެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް ވިދާޅުވީ ސިއްހީ ސަބަބުތަކެއް ކަމަށް އެނގިފައި ވެ އެވެ. ޒަމީރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސިންގަޕޫރުގައި މުހިންމު ސާޖަރީއެއް ވެސް ކޮށްފަ އެވެ.
ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ސަރުކާރުގައި އެންމެ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.
އޭގެ ފަހުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، މެންޑޭޓް ބޮޑުކުރި އެވެ.
ރާއްޖޭގެ މާލީ ކަންކަން ކަންބޮޑުވާ ދަރަޖައެއްގައި އޮތް ޙާލަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ދަރަނި އަދާކުރެއްވުމުގައި މޫސާ ޒަމީރުވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ޒަމީރުގެ ވަޒީރުކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު ބޭރުގެ ދަރަނި ކަމަށްވާ ދުނިޔޭގެ މާލީ ބާޒާރަށް ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާ ހަލާސްކުރުމެވެ. އެއީ، 525 މިލިއަން ޑޮލަރެވެ.
އެކަމާ ވިދިގެން މާލީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީ އިން ސީސީސީމައިނަސް އަށް މިދިޔަ ހަފްތާ މަތިކޮށްފަ އެވެ. އޭގެ ސަބަބަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކައި ދުނިޔޭގެ މާލީ ބާޒާރުގެ އިތުބާރު ހޯދާފައިވުން ކަމަށް ފިޗުން ފާހަގަކޮށްފައިވެ އެވެ.
ޒަމީރު ވަޒީރުކަމުން އިސްތިއުފާދެއްވި އިރު އޭނާ އަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އެވެ. އަދި އޭގެ އިތުރުން އިރާން ހަނގުރާމައާ ވިދިގެން އުފައްދާފައިވާ ހާއްސަ ވަޒީރުންގެ ކޮމިޓީގެ ޗެއާއަކީ ވެސް އޭނާ އެވެ.
ޒަމީރަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަށް ފަހު ދެން ފިނޭންސް މިނިސްޓަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް އާންމެއް ނުކުރެއެވެ.
އިތުރަށް





.gif.gif&w=828&q=100)