ދަރަނބޫދޫގައި މި ސަރުކާރުން ޤާއިމްކުރި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

ފ. ދަރަނބޫދޫގައި މި ސަރުކާރުން ޤާއިމްކުރި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ.
ދަރަނބޫދޫގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތުގައި ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާ އާއި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުރައްޒާޤް އިބްރާހިމް އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ އިސްވެރިން އަދި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅެވުނު ފުޓްސަލް މެޗުގައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި އެކަމަނާ ވަނީ މި މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުޙީބުދެއްވާފައެވެ.
މި މެޗް 1 – 0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ފ. ނިލަންދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ޓީމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހަވީރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

.gif.gif&w=828&q=100)


