ޕާކިސްތާން އަތުން ބަލިވެ، ދިވެހިރާއްޖެ ޑައިމަންޑް ޖުބިލީ މުބާރާތުން ކަޓައިފި

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ބާކީ އެއް މެޗު އޮއްވައި ރާއްޖެ މުބާރާތުން ކަޓައިފިއެވެ.
މިއީ ރާއްޖޭގެ ފަސްގަނޑުގައި ކުޅެގެން ޕާކިސްތާނުން ރާއްޖެ އަތުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްއަށް ފަހު، ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ރާއްޖެ އަތުން ޕާކިސްތާނަށް ލިބުނު ފުރަތަމަ ކާމިޔާބީވެސް މެއެވެ. އެންމެ ފަހުން މީގެ ތިން އަހަރު ކުރިން ލ. ގަމުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފައެވެ.
ހަތަރު ގައުމު ބައިވެރިވާ މި މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން 1-0 އިން ބަލިވި ރާއްޖެއަށް، މިއަދުގެ ބައްޔާއެކު ދެ މެޗުންވެސް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުގެ ފައިނަލުގެ ފުރުސަތު އެއްކޮށް ގެއްލިފައެވެ. އަންނަ އާދިއްތަ ދުވަހު ބަންގްލަދޭޝް އަތުން މޮޅުވިޔަސް ރާއްޖެއަށް ލިބޭނީ 3 ޕޮއިންޓެވެ.
މިވަގުތުގެ ތާވަލު:
- ޕާކިސްތާން: 4 ޕޮއިންޓް (ދެ މެޗުން)
- އަފްގާނިސްތާން: 3 ޕޮއިންޓް (އެއް މެޗުން)
- ބަންގްލަދޭޝް (23 އަހަރުން ދަށް): 1 ޕޮއިންޓް (އެއް މެޗުން)
- ދިވެހިރާއްޖެ: 0 ޕޮއިންޓް (ދެ މެޗުން)
މެޗުގެ ތަފްސީލު
ފުރަތަމަ ހާފު: ގަލޮޅު ދަނޑުގައި ބޯ ވިއްސާރައިގެ ތެރޭގައި ކުޅުނު މި މެޗަށް ރާއްޖެއިން ނުކުތީ ބަދަލުތަކަކާއެކުއެވެ. ފުރަތަމަ މެޗުގެ ކީޕަރު ހުސެއިން ޝަރީފާއި ހަމްޒާ މުހައްމަދުގެ ބަދަލުގައި ކުޅެން އެރީ ކީޕަރު މުހައްމަދު ފައިސަލް (ކެޕްޓަން) އަދި ނާއިޒު ހަސަން (ދާދު) އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) ބޮލުން ފޮނުވާލި ބޯޅައެއް ބްލޮކްވިއިރު، ޕާކިސްތާނުގެ ބަންގްލަދޭޝް ލީގަށް ކުޅޭ ޝާޔަކް ދޯސްތު ފޮނުވާލި ނުރައްކާތެރި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފު: ދެވަނަ ހާފު ފަށައިގެން ރާއްޖެއިން އަލީ ފާސިރު (ސެންޓޭ) އާއި ނައްސާހު އިބްރާހިމް ކުޅެން އަރުވައި އެޓޭކް ވަރުގަދަކުރިއެވެ. ނަމަވެސް، މެޗުގެ 53 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ޕާކިސްތާނުން ފުރަތަމަ ލަނޑު ޖެހިއެވެ. މި ލަނޑު ޖެހީ އިނގިރޭސި ކްލަބް ވްރެކްސަމްއަށް ކުޅޭ އުމަރު ނަވާޒްއެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ސެންޓޭއަށް އޭރިއާ ތެރެއިން ފައުލްކުރި ކަމަށް ބުނެ ރާއްޖެއިން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، އިންޑިއާގެ ރެފްރީ ކުމާރު އަޝްވިން ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މެޗުގެ 77 ވަނަ މިނިޓްގައި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރި ނަމަވެސް، ރާއްޖެއަށް ނަތީޖާ ބަދަލެއް ނުކުރެވުނެވެ. ޕާކިސްތާނުން ވަނީ 84 ވަނަ މިނިޓްގައި އަބްދުލް ސަމަދު ޝަހުޒާދު އަދި 88 ވަނަ މިނިޓްގައި ޕޮލެންޑް ކްލަބަކަށް ކުޅޭ ހާރޫން ހާމިދު ޖެހި ލަނޑުތަކުން 3-0 އަށް ނަތީޖާ ބަދަލުކޮށް މެޗު ކާމިޔާބުކޮށްފައެވެ.
މިއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން 3-0 އިން ޕާކިސްތާން ބަލިކުރި ތާރީޚީ ނަތީޖާ، ޕާކިސްތާނުން ރާއްޖޭގެ ބިމުގައި ބަދަލުހިފި މެޗެކެވެ.

.gif.gif&w=828&q=100)

