ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަންގްލަދޭޝްއިން ޕާކިސްތާނު ހިފަހައްޓައިފި

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި ހަމަލާ ބަދަލުކުރުން ގިނަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ބޮޑު ބައެއް ބަންގްލަދޭޝްއިން ފުރިހަމަކުރީ އެ ޓީމުގެ ކެޕްޓަނަށް ދެއްކި ރަތްކާޑާ ގުޅިގެން އެކަކު މަދުކޮށެވެ.
މެޗު ފެށުނުތާ ގިނައިރެއް ނުވެ ބަންގްލަދޭޝް ޓީމަށް ވަނީ ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއްގައި ސޯރަވް ދިވާން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ 5 މިނެޓު ބަންގްލަދޭޝްއިން ކޮންޓްރޯލް ކުރި ނަމަވެސް، ޕާކިސްތާނުން ޕްރެސިންގ ގޭމަކަށް ބަދަލުކޮށް ބަންގްލަދޭޝްއަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރިއެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ޕާކިސްތާނުގެ އޯޓިސް ޖާން މުޙައްމަދު އޭރިއާ ތެރެއިން މުޙައްމަދު ޢަލީ އަކުބަރު ޚާނަށް ހުރަސްކޮށްދޭން އުޅުނު ނުރައްކާތެރި ބޯޅަ، ބަންގްލަދޭޝްގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގައި ޕާކިސްތާނަށް ދިމާވި ބޮޑު ހުރަހަކީ އެ ޓީމުގެ ރާހިސް ނާބީއަށް އަނިޔާވެގެން ބާލަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ މުޙައްމަދު ޙައްޔާން ޚައްތާކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފޭސަލް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ވެސް ގޯލާ އަމާޒެއް ނުވިއެވެ.
ދެވަނަ ހާފު ފެށިގެން ޕާކިސްތާނުގެ އާދިލް ނާބީ ނަގައިދިން ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން ޢަބްދުﷲ ޢިޤްބާލް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.
މެޗުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ބޮޑު ދަނޑިވަޅެއް ފެނިގެންދިޔައީ 61 ވަނަ މިނެޓުގައެވެ. ދަނޑުމަތީގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ބަންގްލަދޭޝްގެ ކެޕްޓަން، އެސްއެމް މޮންޖުރުރް ރަޙްމާނަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ކުޅުންތެރިއަކު އިތުރުވުމުގެ ފައިދާ ނަގައި ޕާކިސްތާނުން ބަންގްލަދޭޝްގެ ގޯލަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ.
ނަމަވެސް، ބަންގްލަދޭޝްގެ ކީޕަރު އެމްޑީ މެހެދީ ހަސަން ސްރަބޯން ވަނީ އާދަޔާ ހިލާފު މޮޅު ސޭވްތަކެއްކޮށް، ޕާކިސްތާނުގެ ހުރިހާ ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކުރީ އޭނާއެވެ.
މުބާރާތް ކުރިއަށްދަނީ ބައިވެރިވި 4 ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ 2 ޓީމު ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގައި ދެން ބައިވެރިވަނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ. މި ދެ ޓީމު ބައްދަލުކުރާ މުބާރާތުގެ ދެވަނަ މެޗު އޮންނާނީ މިރޭ 21:00 ގައެވެ.

.gif.gif&w=828&q=100)
