ރާއްޖެއަށް އިހްތިރާމްކުރުމަށާއި މެޗު ފަސޭހަނުކުރުމަށް ޗައިނާގެ ކޯޗު އެދިއްޖެ

މީގެ 25 އަހަރު ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ހަނދާންތައް އާކުރަމުން، ދިވެހި ޓީމަކީ ބަލިކަށި ޓީމެއް ކަމަށް ބަލައި މެޗު ފަސޭހަކޮށްނުލުމަށާއި އިދިކޮޅު ޓީމަށް އިހްތިރާމްކުރުމަށް ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޝާއޯ ޖިއާޔީ އެ ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދިއްޖެއެވެ.
އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއްގައި މިއަދު ހަވީރު ރާއްޖޭން ޗައިނާއާ ދެކޮޅަށް ނުކުންނާނެއެވެ. ޗައިނާގެ ޗޮންގްކިންގައި ހުންނަ ލޮންގްޝިންގް ފުޓްބޯލް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ރާއްޖޭ ގަޑިން ހަވީރު 4:35 ގަައި ފަށާއިރު، މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޝާއޯ ވަނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހު ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގެ ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ހަނދާންތައް ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޗައިނާގައި ކުޅުނު ފުރަތަމަ ލެގުން 10-1 އިން ރާއްޖެ ބަލިވި ނަމަވެސް، މާލޭގައި ކުޅުނު ދެވަނަ ލެގުގެ ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ލަނޑެއް ޖެހުނަނުދީ ހިފަހައްޓާފައެވެ. އަދި އެ މެޗުން ޗައިނާ މޮޅުވީ ވަރަށް އުނދަގުލުން 1-0 އިން ކަމަށްވާތީ، ރާއްޖެއާ ދެކޮޅަށް ނުކުންނަންވާނީ ވަރަށް ސީރިއަސްކޮށް ކަމަށް ކުޅުންތެރިންނަށް ހަނދާންކޮށްދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.
މި މެޗަކީ ފުރަތަމަ ޗައިނާއިން ރޭވި މެޗެއް ނޫނެވެ. އުޒްބެކިސްތާން ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ފުރަތަމަ ރޭވި ނަމަވެސް، ހާލަތު ބަދަލުވުމުގެ ސަބަބުން ރާއްޖެއާ ދެކޮޅަށް ކުޅެން ހަމަޖެހުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ކޯޗު ޝާއޯ ބުނީ އިދިކޮޅު ޓީމުގެ ރޭންކިން ދަށްވި ނަމަވެސް، ސީރިއަސްކަމާއެކު މަސައްކަތް ނުކޮށްފިނަމަ އެދެވޭ ނަތީޖާއެއް ނުލިބޭނެ ކަމަށެވެ.
މި މެޗުގައި ޗައިނާގެ ސީނިއާ ޓީމުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޗައިނާއިން ވަނީ މި މަހުގެ 12 އިން ފެށިގެން ވުހާންގައި ކޭމްޕުކޮށްގެން ތައްޔާރުވާން ފަށާފައެވެ. އަދި މިއަދުގެ މެޗަށްފަހު، މި އިންޓަނޭޝަނަލް ވިންޑޯގައި އަންނަ އާދިއްތަ ދުވަހު ޗައިނާ ނުކުންނާނީ ނިއުޒީލަންޑާ ދެކޮޅަށެވެ.

.gif.gif&w=828&q=100)


