
3 އަހަރަށް ފަހު ދަގަނޑޭ އަލުން ގައުމީ ޓީމަށް!
ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިފި އެވެ.
އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ގައުމީ ސްކޮޑަށް މި ނެގީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ޓިމޯރު-ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވައިލި ޕްރިލިމިނަރީ ސްކޮޑަށެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށްޓަކައި، ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ދޫކޮށްދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ވަނީ ކްލަބުތަކަށް އެދިފައެވެ.
މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅެން ސޮއި ކުރި ދަގަނޑޭ ސީޒަންގެ ބޮޑު ބައެއް ހޭދަކުރީ އަނިޔާއިން ރިކަވާވުމުގެ މަރުހަލާގަ އެވެ. އެ ޓީމުގެ ޖޯޒީގައި އޭނާ ކުޅެން ނުކުތީ ދިވެހި ޕްރިމިއާ ލީގުގެ ފަހުކޮޅުން ފެށިގެންނެވެ. އެނބުރި ކުޅެން ނުކުމެ އޭނާ ވަނީ އަލުން ކުރީގެ ފޯމަށް އެނބުރި އަންނަން މަސައްކަތް ކުރަމުންނެވެ.
މިއީ 2023 ވަނަ އަހަރުގެ މާރިޗު މަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު، އަޝްފާގު ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ގައުމީ ޓީމަށް ކުރިއަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ. މިއީ ސީނިއާ ޓީމާ އެކު ތިންވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރާ އުރުބާނީގެ އާ ފެށުމުގެ ފުރަތަމަ މެޗެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
