logologologologo
STO
ކުޅިވަރު

އާސެނަލްގެ ސަޕޯޓަރުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލާ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަން ޕީއެސްޖީން ހޯދައިފި

އާސެނަލްގެ ސަޕޯޓަރުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލާ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަން ޕީއެސްޖީން ހޯދައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 30

ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ތަށީގެ ހުވަފެނެއްގައި ތިބި އާސެނަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުންމީދުތައް ފުނޑުފުނޑު ކޮށްލުމަށްފަހު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ޔޫރަޕުގެ ރަސްކަން ހޯދައިފިއެވެ. 

މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޕެނަލްޓީގައި އާސެނަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު، 6 ވަނަ މިނެޓުގައި އާސެނަލް އަށް ކުރިހޯދައިދިނީ އެ ޓީމުގެ ފޯވާޑް ކައި ހަވާޓްޒް އެވެ. މި ލަނޑަކީ ޕީއެސްޖީގެ ތަޖުރިބާކާރު ޑިފެންޑަރު މާކުޝީނިއޯސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި ވާދަވެރި ކުޅުމެކެވެ.

ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި ބުރަ މަސައްކަތް ކާމިޔާބުވީ 65 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން އޮސްމާން ޑެމްބެލޭ ލަނޑުޖަހައި ޕީއެސްޖީ އަށް އުންމީދު އާކޮށްދިނެވެ. 

މެޗުގެ 90 މިނެޓު އެއްވަރުވެ ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހި ޕީއެސްޖީ ތަށި ދިފާއުކުރީ ޕެނަލްޓީގައި 3-4 އިން ކުރި ހޯދައިގެންނެވެ. އާސެނަލް އަށް ނާކާމިޔާބުވީ އެޒޭ އަދި ގަބްރީއެލް މަގަޅައެސް ގެ ޕެނަލްޓީއެވެ.

22 އަހަރަށްފަހު ޕްރިމިއާ ލީގުގެ ތަށި އުފުލާލި އާސެނަލް އަށް މި ސީޒަނުގައި ޔޫރަޕުގެ ތަށި ނުލިބުނު ނަމަވެސް، ޕީއެސްޖީން ވަނީ މި ސީޒަނުގައި ފްރާންސް ލީގާއި، ފްރެންޗު ސުޕަ ކަޕާއި، ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް