ޢީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުހެލިވުމަށް ޢިލްމުވެރިން އިލްތިމާސްކޮށްފި

ޢީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުހެލިވުމަށް ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ހިމެނޭ ޖަމްޢިއްޔާއެއް ކަމަށްވާ ޢިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ މާތްވެގެންވާ އިސްލާމްދީނުގައި ފާހަގަކުރާ ޢީދުތަކަކީ މުސްލިމުންނަށް ދެއްވި ބޮޑުވެގެންވާ ނިޢުމަތެއް ކަމަށާއި އެއީ މަތިވެރި އަޅުކަންތަކަކަށް ފަހު، އެކަމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ މާތް މަތިވެރި ދުވަސްތަކެއް ކަމަށެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވާ ކަމަށް އެ ބަޔާނުގައި ބުނީ "... އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް މާތް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރި ވުމަށްޓަކައެވެ". މިފަދައިންނެވެ.
"މި އާޔަތުން އެނގޭ ގޮތުގައި، ޢީދުގެ އުފާ ފާހަގަކުރުމަކީ މާތް ﷲ ގެ މަތިވެރިކަން ހަނދުމަކޮށް، އެކަލާނގެއަށް ޝުކުރުވެރިވުމާ ގުޅިފައިވާ އަޅުކަމެކެވެ. ވީއިރު، އަޅުގަނޑުމެން ޢީދުގެ އުފާވެރިކަން ފާހަގަކުރަންވާނީ އިސްލާމީ ރިވެތި އަޚުލާޤުގެ އިމުގެ ތެރޭގައެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
ޢިލްމުވެރިން ވިދާޅުވީ ޢީދު ފާހަގަކުރުމުގެ ނަމުގައި، ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކުން ބޭރުވެ، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަކީ، މާތް ﷲ ތަޢާލާ މަތިވެރި ކުރައްވާފައިވާ މިފަދަ ދުވަސްތަކެއްގެ ޙުރުމަތް ކަނޑާލުމުގެ ތެރެއިން ވާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެކަލާނގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ ނުރައްކާތެރި ކަމެއް ކަމަށާއި މާތް ﷲ ދެއްވި ހިދާޔަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި، އުރެދުންތަކަށް މަގުފަހިވާ ކަންކަން ކުރުމަކީ ނިޢުމަތްތަކަށް ކުފުރުވެރިވުން ކަމަށެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި އެކަމާމެދު އިންޒާރު ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ "... އަދި ތިޔަބައިމީހުން (އެކަލާނގެ ނިޢުމަތްތަކަށް) ކުފުރުވެރި ވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވެއެވެ." މިފަދައިން ކަމަށް ޢިލްމުވެރިން ވިދާޅުވިއެވެ.
ޢިލްމުވެރިން ވަނީ ޢީދުގައި އެކިއެކި ޙަރަކާތްތައް އިންތިޒާމުކުރައްވާ ފަރާތްތަކުން، މާތް ﷲ ތަޢާލާގެ ޢަޒާބަށް ބިރުވެތިވެ، ޚާއްޞަ ސަމާލުކަމެއް ދެއްވަންވީ ކަންކަން ފާހަގަކޮށްދެއްވައިފައެވެ. އެގޮތުން ފޔރަތަމަ ކަމަކަށް ފާޙިޝް ކަންތަކާއި މުންކަރާތްތަކުން ދުރުހެލިވުން: ޢީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ލަވަޔާއި މިއުޒިކްގެ ޙަރަކާތްތައް ބޭއްވުމާއި، ފިރިހެނުންނާއި އަންހެނުން ވެސް ޢައުރަ ނިވާ ނުވާ ގޮތަށް ހިންގާ ހުރިހާ ޙަރަކާތްތަކަކުންނާއި، އިސްލާމީ އަދަބު އަޚްލާޤާ ޚިލާފު އެންމެހައި ކަންކަމުން ދުރުހެލިވުން.
ދެވަނަ ކަމަކަށް ފަރުޟު އަޅުކަންތަކަށް ރައްކާތެރިވުން: ކުޅިވަރުގެ ފޯރީގައި، އިސްލާމްދީނުގެ އެންމެ މުހިންމު ތަނބު ކަމުގައިވާ ފަރުޟު ފަސް ނަމާދު ލަސްކުރުމާއި، ނަމާދަށް ފަރުވާކުޑަކުރުމުގެ ނުބައި ފާފައިން ދުރުހެލިވުން.
ތިން ވަނަ ކަމަކަށް ބެލެނިވެރިންނާއި މުއައްސަސާތަކުގެ ޒިންމާނެގުން: ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ރަށު ކައުންސިލްތަކާއި، ޖަމްޢިއްޔާތަކުން ޢީދު ޙަރަކާތްތައް ރާވަންވާނީ ދީނީ މިންގަނޑަށް ފެތޭނެހެންނެވެ. އަދި ބެލެނިވެރިން ވެސް، އެބޭފުޅުންގެ ދަރިން ބައިވެރިވާ ޙަރަކާތްތައް ހިންގަނީ އިސްލާމް ދީނުގެ އިމުގެ ތެރޭގައިތޯ ގާތުން ބަލައި ފާރަވެރިވާން ޖެހެއެވެ.
ޢިލްމުވެރިން ވިދާޅުވީ رسول الله صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެނިވެރިއެކެވެ. އަދި އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން އެމީހަކާ ސުވާލުވެވޭނެއެވެ." މިފަދައިން ކަމަށެވެ.
ހަތަރު ވަނަ ކަމަކަށް އިސްލާމީ ރިވެތި އާދަތައް ދިރުވުން: ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫނެވެ. އެއީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ހަދިޔާ ބަދަލުކުރުމާއި، މުސްލިމުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް މިސްކީނުންނަށް އެހީތެރިވުން އިތުރުކޮށް ހެޔޮ ކަންކަން ދިރުވައި އާލާކުރަން ޖެހޭ ދުވަސްތަކެކެވެ.
" ދުޢާއަކީ، މި ބަރަކާތްތެރި ޢީދަކީ ދިވެހި އުންމަތަށް ހެޔޮ ވިސްނުމާއި، ސުލްޙަވެރިކަމާއި، މާތްﷲ ގެ ބަރަކާތް ލިބިގެންދާނެ ފަދަ އުފާވެރި ޢީދެއް ކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ ހެޔޮ ބަސް އަހައި، ހެޔޮ ކަންކަމަށް އަމުރުކުރާ، އަދި މުންކަރާތްތައް ނަހީކޮށް، ﷲ ގެ އަޒާބަށް ބިރުވެތިވާ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން." ޢިލްމުވެރިންގެ ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި، ޚާއްޞަކޮށް އަޟްޙާ ޢީދު ފާހަގަ ކުރުމުގައި މިއުޒިކާއި ނެށުން ފަދަ ޙަރަކާތްތައް ހިންގުމަކީ ޒަމާނުއްސުރެ އާދަކާދައެއްގެ ގޮތުން ދިވެހިން ފޯރީގައި ކުރަމުން އަންނަ ކަމެއް ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)