ޢީދުގައި ގިނަގިނައިން ތަކުބީރު ކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއް

ޢީދުގައި ގިނަގިނައިން ތަކުބީރު ކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޢީދުގެ އަދަބުތަކުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހަކީ އަހަރުގެތެރޭގައި އަންނަާނެ އެންމެ މާތް ދުވަސްތަކުގެތެރެއިން ދުވަހެއް ކަމަށާއި މުސްލިމުންނަށް މާތްﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، ޢީދުގައި ގިނަގިނައިން ތަކުބީރު ކިއުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ އަޟުޙާ ޢީދުގައި ކަތިލެވޭ އުޟުޙިޔާއިން، މާތްﷲގެ ޚަލީލު އިބުރާހީމް ޢަލައިހިއްސަލާމުއާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމް ވެވަޑައިގަތް ޤުރުބާނީގެ މަތިން ހަނދާން އައުކޮށްދޭ ކަމަށެވެ. އަދި އުޟުޙިޔާ ކަތިލުމަކީ އިބުރާހީމް ޢަލައިހިއްސަލާމްގެ މިއްލަތުގައި އަޅުކަމަކަށްވީ ފަދައިން އިސްލާމީ ޝަރީޢަތުގައި ވެސް އެއީ ގަދަވެގެންވާ ސުންނަތެއް ކަމުގައި ލައްވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޢީދުގެ މާތްކަމާއި މަތިވެރިކަމާއިއެކު ވެސް ޢީދުގެ ދުވަސްތަކަކީ މުސްލިމުން ކައިބޮއެ އުފާފާޅުކޮށް ކުޅިވަރުކުޅޭން އޮތް ދުވަސްތަކެއް ނަމަވެސް ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރައާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެނުންގެ ހެދުންއެޅުމާއި ފިރިހެނުން އަންހެނުންގެ ހެދުން އެޅުމާއި ދެ ޖިންސް މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
:ޢީދުގެ އެންމެހާ ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތްﷲ އަށް ބިރުވެތިވެ، އިސްލާމް ދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢަރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާން ކުރާށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.
ޢީދަކީ މުޅި އިސްލާމީ އުއްމަތް އެކަމުގައި ބައިވެރިވެ އުފާ ފާޅުކުރަންޖެހޭ ދުވަސްތަކެއް ކަމަށް ވިދާޅުވެ ޚުޠުބާގައި ވަނީ ރާއްޖޭގެ އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމް އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާ ކިޔައި ޢީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ބައިވެރި ކުރުމަށް ޚުޠުބާގައި ގޮވާލައްވައިފައެވެ.
މާލެ ސަރަހައްދާއި ރާއްގޭގެ އެކި ކަންކޮޅުތަކުގައި މިއަދުގެ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

.gif.gif&w=828&q=100)


