ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޖަލްސާއެއްގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު (ރީކޯ)، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކޮށްދެއްވައި، އޭނާއަށް ފިޔަވަޅު އެޅުމަށް އެދި ޢިލްމުވެރިންގެ ގުޅުމުން އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފިއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ، މި ހިނގާ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވީ އަންގާރު ދުވަހުގެ ރޭ އަލްފާޟިލް މޫސާ މަނިކު ދެއްކެވި ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި އަދި ޙައްސާސީ ވާހަކަތަކެއް ކަމަށެވެ.
މޫސާ މަނިކުގެ އެ ވާހަކަތަކަކީ ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ސިފަކޮށްފައިވެއެވެ.
އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޢިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުޙުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް ޢަލީ (رحمه الله) އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ ޢިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ.
މޫސާ މަނިކުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއްކަން ފާހަގަކޮށް، ޢިލްމުވެރިންގެ ގުޅުމުން ވަނީ ޤާނޫނީ ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެއީ:
1. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2015): މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް "ތަކްފީރު" ކުރުމުގެ ފިކުރު ފެތުރުން ނުވަތަ މުސްލިމުން ކާފަރު ކުރުމަކީ ކުށެކެވެ.
2. ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/1994): ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ.
3. ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 6/2014): މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެކެވެ.
ސިޓީ ނިންމާލަމުން ޢިލްމުވެރިންގެ ގުޅުމުން ފުލުހުންގެ ކިބައިން އެދިފައިވަނީ އެ ގުޅުމުން ފާހަގަކުރި ނުކުތާތަކަށް ރިޢާޔަތްކޮށް، މޫސާ މަނިކާއި އޭނާ ދައްކަވާފައިވާ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓްކުރި ޗެނަލްގެ މައްސަލަ ތަޙްޤީޤުކޮށް، އެކަމާ ގުޅުން ހުރި ފަރާތްތަކާ މެދުގައި ޤާނޫނީ ފިޔަވަޅު އަޅައިދެއްވުމަށެވެ.
ޢިލްމުވެރިންގެ ގުޅުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ އަމިއްލަ ޖަމްޢިއްޔާއެއްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)