logologologologo
STO
ދުނިޔެ

އެމެރިކާގެ މިސްކިތެއްގެ ބޭރުގައި ބަޑިން ހަމަލާދީ 3 މީހަކު މަރާލައިފި

އެމެރިކާގެ މިސްކިތެއްގެ ބޭރުގައި ބަޑިން ހަމަލާދީ 3 މީހަކު މަރާލައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 19

އެމެރިކާގެ ކެލިފޯނިއާގެ ސަން ޑިއޭގޯގައި ހުންނަ މިސްކިތެއްގެ ގޯތިތެރޭގައި މިއަދު ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ތިން މީހަކު މަރާލައިފިއެވެ.

މި ބިރުވެރި ހަމަލާދީފައިވަނީ ސަން ޑިއޭގޯ ކައުންޓީގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ "އިސްލާމިކް ސެންޓަ އޮފް ސަން ޑިއޭގޯ" ގައެވެ. ހާދިސާގެ ރިޕޯޓު ލިބުނުތާ ހަތަރު މިނެޓު ތެރޭގައި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، މިސްކިތް ކުރިމަތިން ވަނީ ބަޑީގެ ހަމަލާގައި މަރުވެފައި އޮތް ތިން މީހެއްގެ ހަށިގަނޑު ފެނިފައެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ހަމަލާދިނީ އުމުރުން 19 އަހަރުގެ ޒުވާނަކާއި 17 އަހަރުގެ ފުރާވަރުގެ ކުއްޖެކެވެ. ހަމަލާދިނުމަށްފަހު އެ ސަރަހައްދުން ފިލި މި ދެ ކުދިން ފަހުން ފެނުނީ، މިސްކިތާ މާ ދުރު ނޫން ހިސާބެއްގެ މަގުމެދުގައި ހުއްޓާފައި އޮތް ކާރެއްގެ ތެރޭގައި ބަޑީގެ ޒަހަމްތަކާއެކު މަރުވެފައި ތިއްބައެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ބަޑިޖަހާފައި ނުވާނެ ކަމަށާއި، ބެލެވޭ ގޮތުގައި އެ ދެ ކުދިން މަރުވީ އަމިއްލައަށް ގަޔަށް ބަޑިޖަހައިގެންނެވެ.

ހާދިސާ ހިނގުމުގެ ދެ ގަޑިއިރު ކުރިން، ތުހުމަތުކުރެވޭ އެއް ކުއްޖެއްގެ މަންމަ ވަނީ އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވާން އުޅޭ ކަމަށާއި، ގޭގައި ހުރި ބައެއް ހަތިޔާރާއި ކާރު ހިފައިގެން ގޮސްފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ފުލުހުން އެ ކުއްޖާ ހޯދަން އޭނާ ކިޔަވާ ހައިސްކޫލް ކައިރީގައި ހަރަކާތްތެރިވަނިކޮށް، މިސްކިތުގައި ބަޑިޖަހާ ކަމުގެ ރިޕޯޓް ލިބުނީއެވެ.

ސަން ޑިއޭގޯގެ ފުލުހުންގެ ވެރިޔާ ސްކޮޓް ވޯލް ވިދާޅުވި ގޮތުގައި، މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދަނީ "ހޭޓް ކްރައިމް" ނުވަތަ ނަފްރަތުގެ ސަބަބުން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައެވެ. އަދި މި ހަމަލާގެ ފަހަތުގައި ނަފްރަތު އުފައްދާ ފަދަ ބައެއް ވާހަކަތަކާއި މަގްސަދުތައް އެކުލެވިގެންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަމަލާގައި މަރުވި ތިން މީހުންގެ ތެރޭގައި މިސްކިތުގެ ސެކިއުރިޓީ ގާޑު ހިމެނެއެވެ. ފުލުހުން ބުނި ގޮތުގައި ސެކިއުރިޓީ ގާޑު ދެއްކި ހިތްވަރުގެ ސަބަބުން، ހަމަލާދިން މީހުން މިސްކިތުގެ އެތެރެއަށް ވަނަނުދީ ހުއްޓުވުނެވެ. އޭގެ ސަބަބުން މިއަށްވުރެ ބޮޑު ލޭއޮހޮރުވުމަކަށް ނުގޮސް، މިސްކިތުގައި ތިބި އެތައް ބައެއްގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ. މަރުވި އަނެއް ދެ މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިސްކިތުގެ އިމާމް ތާހާ ހައްސާން ވިދާޅުވީ، ހަމަލާދިން ވަގުތު މިސްކިތުގެ އެތެރޭގައި ތިބި މުވައްޒަފުންނާއި، ޓީޗަރުން އަދި ކުޑަކުދިން އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށެވެ. އަދި އަޅުކަންކުރާ ބިނާއަކަށް އަމާޒުކޮށް މިފަދަ ރަހުމުކުޑަ ހަމަލާއެއް ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް