ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ އާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު މިޔުޝް ގޯޔާލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ޚާރިޖީ ވަޒީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާން ދަތުރުފުޅުގެ ތެރެއިންނެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަވަސްކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެ-އިންޑިއާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ ކުރިއަށް ގެންދިއުމަށާއި، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމުގެ ނިޒާމު ތަރައްގީކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާއިރު، ރާއްޖެ-އިންޑިއާ ވިޔަފާރި ކުރިއެރުވުމަށާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސްއަށް ދެ ގައުމުން އެއްބަސްވީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ.
އިތުރަށް





.gif.gif&w=828&q=100)
