logologologologo
STO
ޚަބަރު

ބޭރުގެ ގުޅުންތަކަށް އަސަރުކުރާނެ ފަދަ ވާހަކަދައްކަވާއިރު، ބުއްދިވެރިކަން އިސްކުރުމަށް ޚާރިޖިއްޔާއިން އެދިއްޖެ

ބޭރުގެ ގުޅުންތަކަށް އަސަރުކުރާނެ ފަދަ ވާހަކަދައްކަވާއިރު، ބުއްދިވެރިކަން އިސްކުރުމަށް ޚާރިޖިއްޔާއިން އެދިއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 09

ބޭރުގެ ގުޅުންތަކަށް އަސަރުކުރާނެ ފަދަ ކަންކަމުގެ ވާހަކަދައްކަވާއިރު، ބުއްދިވެރިކަން އިސްކުރުމަށް ދިވެހި ޚާރިޖިއްޔާއިން އެދިއްޖެއެވެ.

އެ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ​ޚާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ގުޅޭގޮތުން، ޚާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އާންމުކޮށް ދައްކަވާ ވާހަކަތަކަކީ އޭގެ އަސަރު ވަރަށް ފުޅާ ދާއިރާއެއްގައި ކުރާނެ ކަންކަން ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެފަދަ ވާހަކަތަކަކީ މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ މަޝްވަރާތަކަށާއި، ޤައުމީ އެއްބައިވަންތަކަމަށާއި، ރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބަދަހިކުރުމަށް އެހީތެރިވެދޭ ވާހަކަތަކަކަށް ވާންޖެހޭ ކަމަށާއި އެހެންކަމުން، ޤައުމުގެ މަސްލަޙަތާއި ބޭރުގެ ގުޅުންތަކަށް އަސަރުކުރާނެ ފަދަ ކަންކަމުގައި ވާހަކަދައްކަވާއިރު، ނުހަނު ބޮޑަށް ސަމާލުވެވަޑައިގަތުމަށާއި ބުއްދިވެރިކަން އިސްކުރުމަށް އެ ވުޒާރާއިން ބާރުއަޅާ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމާއި، ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމުގެ މައްޗަށް ބިނާވެފައިވާ، އަދި ހުރިހާ ބައިލެޓަރަލް (ދެފަރާތުގެ) އަދި މަލްޓިލެޓަރަލް (ބައިނަލްއަގުވާމީ) ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމުގެ މައްޗަށް ބިނާވެފައިވާ، "ދިވެހިރާއްޖެ އިސްކުރުމުގެ" އުސޫލީ، މިނިވަން، އަދި ޒިންމާދާރު ޚާރިޖީ ސިޔާސަތެއް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަލުން ކަށަވަރުކޮށްދެއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

​ދިވެހި ޚާރިޖިއްޔާއިން ބުނީ ސިޔާދަތީ މިނިވަން ދައުލަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދަނީ ޤައުމީ މަސްލަޙަތާއި އިޙުތިރާމުގެ މައްޗަށް ބިނާވެގެން، ކަނޑައެޅިފައިވާ މުއައްސަސާތަކުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ދިވެހިރާއްޖެއިން ހުރިހާ ޤައުމުތަކަކާ އެކުވެސް، ފަރުދީ އަދި ޤައުމީ އިޙުތިރާމާއި މަސްލަޙަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ބޭއްވުމަށް ނުހަނު ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށާއި ޚާއްސަކޮށް، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުންޏެވެ.

"ސަރަހައްދީ ސުލްޙަ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ދެމެހެއްޓެނިވި ތަރައްޤީ، އަދި ބައިނަލްއަޤްވާމީ ހަމަޖެހުން ފަދަ ދެފަރާތުންވެސް ޝައުގުވެރިވާ ކަންކަމުގައި، އެއްގަލަކަށް އަރާ ޤައުމުތަކާއި ޖަމިއްޔާތަކާއެކު، ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގައި ސަރުކާރު ދެމިއޮންނާނެއެވެ." ޚާރިޖީ ވުޒާރާއިން ބުންޏެވެ.

​ދިވެހި ސަރުކާރު ދެމިއޮންނާނީ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ސިޔާދަތާއި، ކަރާމާތާއި، އަދި ދިގު މުއްދަތުގެ މަސްލަޙަތު ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ކަމަށް އެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ދިވެހިރާއްޖެއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށްކަން ފާހަގަކުރެވެއެވެ.

MALDIVE GASAllied Insurance
އިތުރަށް