logologologologo
STO
ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 03

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަޤާފީ ހަރަކާތެއް ހިމެނޭހެން، މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތަކެއް، ބީ.އައި.އޭ ގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، ތަޢުލީމާއި، ފަންނީ ތަމްރީނާއި، އިޤްތިޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ޤައުމުގެ އިސްވެރިންނާއި އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

 

 

މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.

MALDIVE GASAllied Insurance
އިތުރަށް