logologologologo
STO
ޚަބަރު

މީޑިއާތަކަށް އެއްވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން އަންނަނީ ދެމުން: ރައީސް

މީޑިއާތަކަށް އެއްވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން އަންނަނީ ދެމުން: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 03

މީޑިއާތަކަށް އެއްވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން އަންނަނީ ދެމުން ކަމަށާއި އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްޤީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމީ ދިވެހި މީޑިއާ ތަރައްޤީކުރުމަށް ފުރުސަތު ފަހިކުރުމަށް ކަމަށެވެ. އަދި މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް އަރިސްކުރަމެވެ. މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" އެވެ. ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއް ކަމަށާއި އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ. މިގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައިވަނީ ބާރުއަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށެވެ. އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށާއި ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވާ ކަމަށެވެ.

"ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. އަދި ނޫސްވެރިންނާއި، ޑިޖިޓަލް ޙައްޤުތައް ހިމާޔަތްކުރާ ފަރާތްތަކާއި، ޓެކްނޮލޮޖިސްޓުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢިލްމީ ދާއިރާތަކާއި، ދިރާސާވެރިންނާއި، ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ. މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެއެވެ." ރައީސް އިތުރަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން ކަމަށާއި އަދި، ހަމައެހެންމެ ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހެއެވެ. ރާއްޖޭގެ އާބާދީ ކުޑަކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އަދި މިކަމުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އެކަމަކަށްޓަކައި ފަޚުރުވެރިވާކަމެއް ކަމަށާއި ދިވެހިރާއްޖެއަކީ، އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމު ކަމަށާއި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ޤައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ފުރުސަތުތައް އިތުރަށް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވައިފައެވެ.

"މިނިވަން މީޑިއާއަކީ ޙައްޤެކެވެ. އަދި، ޒިންމާއެކެވެ. ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށެވެ. ހަމައެހެންމެ، ދިވެހިން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހެއެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔަމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާއިރު، އެއްވެސް ތަޙުޤީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާމެދުވެސް ރައްކާތެރިވާން ޖެހެއެވެ. މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.

MALDIVE GASAllied Insurance
އިތުރަށް