ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ އިޞްލާޙު ޞައްޚަކަމަށް ޙުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެމްބަރު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުނޫން ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙް، ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލައެވެ.
މި މައްސަލައިގައި އެމްޑީޕީންވެސް ވަނީ ތަދައްޚުލްވެފައެވެ.
މި މައްސަލައިގައި ޢަލީ ޙުސައިން ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި މި އިސްލާޙަކީ ޤާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެއް ކަމަށެވެ. އަދި މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާޙެއް ކަމަށް ވިދާޅުވިއެވެ. އެހެންވެ މި އިސްލާޙަކީ، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށް ޢަލީ ހުސައިން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިނިވަން ޑިމޮކްރަޓިކް ޤައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމަކީ ޤާނޫނު އަސާސީގެ ސިޔާދަތާ ޚިލާފް ކަމެއް ނޫން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލް އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމު އަދި ރިޔާސީ ނިޒާމުގެ ކަންކަން ހިމެނޭގޮތަށް ހިންގަމުންދާ ބަރުލަމާނީ ނިޒާމުތަކަށް އަމަލު ކުރަމުންދާ ޤައުމުތަކުގައި އެންޓިޑިފެކްޝަން ޤާނޫނުތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރައްވާފައެވެ. އަދި ކުރިން ވެސް އެފަދަ ޤާނޫނެއް ރާއްޖޭގައި 2017 ވަނަ އަހަރު ފާސް ކޮށްފައިވާ ކަމަށާއި، އެ އެ އިސްލާހު ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ނިންމުމުގައި ވިދާޅުވީ، މިއީ 20 ވަނަ މަޖިލީހަށް ވެސް ހިނގާނެ އިސްލާޙެއް ކަމަށެވެ.
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ރައުޔަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު 5 ފަނޑިޔާރުން ވަނީ، ތާއީދު ކުރައްވާފައެވެ. އެމަނިކުފާނުގެ ރައުޔާ ދެކޮޅު ރައުޔެއް ހުށަހެޅުއްވީ، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ. އޭނާގެ ރައުޔުގައި އެ އިސްލާޙު ބާތިލް ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި ސަބަބަކީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަނީ، އެ މީހަކަށް ބަލައިގެން ކަމަށްވެފައި މެމްބަރުން އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ
އިތުރަށް





.gif.gif&w=828&q=100)
