މިއަދަކީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މުއުތަސިމް އަދުނާންގެ ފަހު ދުވަސް، ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދަށް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރައްވާތީ މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ރިޓަޔާ ކުރައްވަން ހުށަހެޅުއްވުމުން އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. އެހެންވެ، މިއަދަކީ މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ އެންމެ ފަހު ދުވަހެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާތީ، އެމަނިކުފާނަށް ހާއްސަ "ފެއާވެލް" އެއް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެހެންވެ، މާދަމާއިން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ. ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން ޖޭއެސްސީއަށް އެންގެވީ މެއި 8، 2025 ގަ އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ މި ނޫހަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ރިޓަޔާކޮށްދެއްވަން ޖޭއެސްސީން ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން މި ނިންމެވީ، ދާދި އަވަހަށް ރިޓަޔާ ކުރައްވާނެކަމުގެ އިޝާރާތެއް މިދިޔަ ފެބްރުއަރީ މަހު ދެއްވާފައި އޮއްވަ އެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. އެ މަނިކުފާނު 2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)
