logologologologo
STO
ޚަބަރު

ކޯޅުން ފެށި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ކުރި އިޢުލާނު ބާޠިލުކުރަން އަންގައިފި

ކޯޅުން ފެށި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ކުރި އިޢުލާނު ބާޠިލުކުރަން އަންގައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 23

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ފެށި، ޗެއާޕާސަން އިންތިޚާބަށް ކުރި އިޢުލާނު ބާޠިލުކުރަން އަންގައިފިއެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން، މި އިޢުލާނު ބާޠިލުކުރަން އަންގާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ހުޅުވާލީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ކަމަށް ބުނެއެވެ.

މި އިޢުލާނާ ގުޅިގެންއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު މިއަދު ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން އަސާސީ ޤަވާޢިދުގެ 46 ވަނަ މާއްދާއިން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށްވާތީ އޭނާއަށް އެންގުމެއް ނެތި އިންތިޚާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ "އެހެންކަމުން އަޅުގަނޑަށް ނާންގައި ޗެއާޕާސަންގެ އިންތިޚާބާ ގުޅޭ އެއްވެސް ނިންމުމެއް، ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ޤަވާޢިދާ ޚިލާފު ކަމަކަށް ނޫނީ ނުވާނެ..." ކަމަށެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ގަޕޯއަށް ފޮނުއްވި އެ ސިޓީގައި ވަނީ އިންތިޚާބަށް ހުޅުވާލަން ކުރި އިޢުލާނާއި އެ އިޢުލާނާ އެކު އާއްމުކޮށްފައިވާ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ޤަވާޢީދާ ޚިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއް ކަމަށާއި އެ ނިންމުންތަކަކީ ބާޠިލު ނިންމުންތަކެއް ކަމަށް އިއުލާނުކޮށްދޭން އަންގާފައެވެ.

މީގެއިތުރުން އެ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީގެ އެތައް މެމްބަރުންނެއް އެހެން ޕާޓީތަކަށް އޮޅުވާލައިގެން ވައްދާފައިވާއިރު، އެ ފަރާތްތަކަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންގެ ޙައްޤު ގެއްލޭ ކަމެއް ކަމަށާ އަދި ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލިދާނެ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މި ސިޓީ ގަޕޯއަށް ފޮނުވާފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް ޢަބްދުﷲ ޝާއިރު ވެސް އިސްތިއުނާފް މަޖިލީހަށް މިއަދު އެ މައްސަލަ ހުށަހަޅުއްވައިފާ ވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 

ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓުލާން ފުރުސަތު ލިބޭނީ  އޭޕްރީލް 22 ވަނަ ދުވަހުގެރޭ 12:00 ގެ ނިޔަލަށް އެމްޑީޕީއަށް ވަންނަ މެމްބަރުންނަށެވެ. 

ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެކަން އިޢުލާނު ކުރައްވާފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމްއެވެ.


MALDIVE GASAllied Insurance
އިތުރަށް