ރޭގެ މުޒާހަރާގައި މީހަކު ޙާލު ދެރަވުމާ ފުލުހުންނާ ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފި

އެމްޑީޕީން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި މީހަކު ޙާލު ދެރަވުމާ ފުލުހުންނާ ގުޅުމެއް ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު، އެމްޑީޕީ ދިދަތައް ހިފައިގެންތިބި ބަޔަކު ކުރިއަށް ގެންދިޔަ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައި ވަނީ އެއްވުމާއި ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި އެމްޑީޕީ އެކްޓިވިސްޓުން އަޑުފަތުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިއަކު ކުއްލި ގޮތަކަށް ވެއްޓުމާއެކު އެ ސަރަހައްދުގައި ތިބި އާންމުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ތުޙުމަތު ކުރީ، އެ މީހާގެ ގައިގައި ފުލުހުން ކަރަންޓު މުގުރު ޖެއްސި ކަމަށެވެ. އޭނާއަށް ރޭ އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ބުނީ އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ޙަަރަކާތަކާ، އެމީހާއަށް އަނިޔާ ލިބުމާ ނުވަތަ ޙާލުދެރަވުމާ ގުޅުމެއް ނެތްކަމަށެވެ.
ފުލުހުން ވަނީ ރޭގެ އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާ ކަމަށާއި އަދި އެއީ އެއްވުމާއި ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން ދީފައެވެ.
ފުލުހުން ބުނީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.
ފުލުހުން ވަނީ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށްފހު ނޫނީ، ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)
