ބޭންކާމެދު ދޮގު ވާހަކަތައް ފަތުރަނީ ރާއްޖޭގެ މާލީ ރައްކާތެރިކަމަށް ނުރައްކާ ކުރަން: ބީއެމްއެލް

ބޭންކާމެދު ދޮގު ވާހަކަތައް ފަތުރަނީ ރާއްޖޭގެ މާލީ ރައްކާތެރިކަމަށް ނުރައްކާ ކުރަން ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، ދިވެހި ޤައުމީ ބޭންކާއިމެދު ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް، ޚިޔާލުފާޅުކުރުމުގެ މިނިވަން ނަހަމަ ގޮތުގައި ބޭނުންކޮށް، ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމާއި ހަމަޖެހުމަށް ސީދާ ނުރައްކަލާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއް ކަމަށެވެ.
ސަޢީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30 ގެ ފީ އެއް ނަގަމުންދާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ހާމަކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މަޢުލޫމާތު ހިމެނޭ ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް، 1 ޖުލައި 2025 އިން ފެށިގެން، ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން %30 އާ ހަމައަށް ފީއެއް ނުނަގާ ކަމަށެވެ.
"އެހެންކަމުން ސިއްހީ ހިދުމަތާއި، ތަޢުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެކެވެ." ސަޢީދު ވިދާޅުވިއެވެ.
ބޭންކުގެ 'ޝެޑިއުލް އޮފް ޗަރޖަސް' ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން %30 އާ ހަމައަށް ބޭންކަށް ފީއެއް ނެގިދާނެ ކަމަށާއި މި ގޮތަށް ކްރޮސްބޯޑަރ ފީއެއް ނެގުމަކީ ދުނިޔޭގެ ބެންކުތަކުން އަމަލުކުރަމުންދާ އުސޫލެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިކަމުގައި ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވަނީ މިފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވަސީލަތްތަކުން ހާމަ ކުރާ މަޢުލޫމާތުތަކަށް ރިއާޔަތްކުރުމަށް ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް އިލްތިމާސްކުރައްވައިފަވެ.
އިތުރަށް





.gif.gif&w=828&q=100)
